ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ދެބެންގެ ދެދަރި ކޮއްކޮ، މީރާ ޗޯޕްރާ އޭނާގެ އާ ފިލްމު "ގާންދީ ޓޯކްސް" ގެ ވާހަކަ ޕްރިޔަންކާއަށް ސިއްރުކުރި ސަބަބު ހާމަކޮށްފިއެވެ.
މީރާ ބުނި ގޮތުގައި އޭނާ މި ފިލްމުގެ ވާހަކަ އާއިލާގެ އެހެން މީހުންނެކޭ އެއްފަދައިން ޕްރިޔަންކާ ގާތު ވެސް ނުބުނެ ސިއްރުކުރީ، އޭނާއަކީ ގަބޫލުކުރާ ކަންތައްތަކެއްގެ ސަބަބުން ވަރަށް "ސިއްރުވެރި" މީހަކަށް ވާތީއެވެ. ހާއްސަކޮށް، ކަމެއް ވުމުގެ ކުރިން އެ ވާހަކަ ދައްކައިފިނަމަ އެސްފީނާ ޖެހިދާނެ ކަމަށް ނުވަތަ "ނަޒަރު" ލައިފާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށް މީރާ ބުންޏެވެ.
މީރާ އިތުރަށް ބުނި ގޮތުގައި ފިލްމުގެ މަސައްކަތް ފެށިއިރު އެކަން އޮތީ ހަމައެކަނި އޭނާ އާއި ފިލްމުގެ ޓީމަށް އެނގޭ ކަމެއްގެ ގޮތުގައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މާ ކުރިން މީހުން ގާތު އެ ވާހަކަ ބުނުމަކީ، އެކަމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން، އެއްވެސް މީހަކަށް އެކަން ނާންގައި ހުރީ ގަސްތުގައި ކަމަށާއި، މިއީ ހަމައެކަނި ޕްރިޔަންކާއަށް ވީތީ ކުރި ކަމެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. އަދި އޭނާގެ މިޒާޖުގައި ހުންނަ މި ސިއްރުވެރިކަމަކީ އޭނާގެ މަސައްކަތްތައް ރައްކާތެރިކުރުމަށް ގެންގުޅޭ އުސޫލެއް ކަމަށް މީރާ ސިފަކުރިއެވެ.
އެހެންނަމަވެސް، މީރާ ވަނީ ޕްރިޔަންކާގެ ފަރާތުން ލިބޭ އެއްބާރުލުމާއި ލޯބި ފާހަގަކޮށްފައެވެ. އޭނާ ބުނި ގޮތުގައި ޕްރިޔަންކާއަކީ އަބަދުވެސް އާއިލާ މީހުންނަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ، އަދި އެ މީހުންގެ ކާމިޔާބީތަކާމެދު ފަހުރުވެރިވާ މީހެކެވެ. ފިލްމުގެ ޓީޒާ ނުކުތުމާއެކު ޕްރިޔަންކާ އެކަމަށް ތައުރީފުކޮށް، ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާކަން ވެސް މީރާ އުފަލާއެކު ފާހަގަކުރިއެވެ. މީރާ ބުނީ ނުބުނެ ހުރި ނަމަވެސް، ޕްރިޔަންކާގެ ހެޔޮއެދުން އަބަދުވެސް އޭނާއަށް ލިބޭނެކަން ޔަގީންވާ ކަމަށެވެ.
