ބޮލީވުޑްގެ އެންމެ މަގުބޫލު ލަވަކިޔުންތެރިޔާ އަރިޖިތް ސިންގް، ޕްލޭބެކް ލަވަކިޔުން ހުއްޓާލަން ނިންމައި، އޭނާގެ އެތައް މިލިއަން ފޭނުންނަށް ބޮޑު ޝޮކެއް ދީފިއެވެ. އިންޑިއާގެ މިއުޒިކީ ދާއިރާގައި ރަސްކަން ކުރަމުން އަންނަ އަރިޖިތް މިކަން އިއުލާނުކުރީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
އަރިޖިތް އޭނާގެ ޕޯސްޓުގައި ބުނެފައިވަނީ، މިހާތަނަށް އޭނާގެ އަޑު އަހާ ފަރާތްތަކުން ދީފައިވާ ލޯތްބާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިއަދުން ފެށިގެން ފިލްމުތަކަށް ލަވަކިޔުމުގެ އާ އެއްވެސް މަސައްކަތަކާ ހަވާލުނުވާނެ ކަމަށް އޭނާ ބުންޏެވެ. ޕްލޭބެކް ލަވަކިޔުން ހުއްޓާލަން ނިންމިކަން ހާމަކުރަމުން އޭނާ ސިފަކުރި ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި ކުރި މަސައްކަތަކީ ވަރަށް "ފުރިހަމަ ދަތުރެކެވެ".
އަރިޖިތް ސިންގް ބޮލީވުޑަށް ތައާރަފުވީ 2012 ވަނަ އަހަރު ނުކުތް ފިލްމު "އޭޖެންޓް ވިނޯދު" ގެ "ރާބްތާ" ލަވައިންނެވެ. ނަމަވެސް އޭނާ ސުޕަސްޓާރަކަށް ވެގެންދިޔައީ 2013 ވަނަ އަހަރު ނުކުތް "އާޝިގީ 2" ގެ މަޝްހޫރު ލަވަ "ތުމް ހީ ހޯ" އިންނެވެ. އޭގެ ފަހުން އޭނާ ވެފައިވަނީ ހިންދީ ސިނަމާގެ އެންމެ ނުފޫޒުގަދަ އަދި ލޯބީގެ ލަވަތައް ކިޔުމުގައި އެންމެ މަގުބޫލު އަޑަށެވެ. އޭނާގެ ކާމިޔާބު ލަވަތަކުގެ ތެރޭގައި "ޗަންނާ މެރެޔާ"، "އަގަރް ތުމް ސާތް ހޯ"، "ކެސަރިޔާ" އަދި "އޭ ދިލް ހެ މުޝްކިލް" ފަދަ އެތައް ލަވައެއް ހިމެނެއެވެ.
މީގެ އަހަރުތަކެއް ކުރިން އެކްޓަރު ސަލްމާން ހާންއާ ދެމެދު ޖެހުނު މައްސަލައެއްގައި، ގިނަ ދުވަސްތަކެއް ވަންދެން ސަލްމާންގެ ފިލްމުތަކަށް ލަވަނުކިޔާ އަރިޖިތް ހުއްޓެވެ. ނަމަވެސް ފަހުން އެކަން ހައްލުވެ، އެންމެ ފަހުން ނުކުތް "ޓައިގާ 3" ގައި އޭނާ ވަނީ ލަވަ ކިޔައިފައެވެ. އަރިޖިތްގެ މިއުޒިކީ ހަޔާތް ފެށިގެން އައީ 2005 ވަނަ އަހަރު ރިއަލިޓީ ޝޯ އެއް ގައި ބައިވެރިވި ހިސާބުންނެވެ. އާންމު ދިރިއުޅުމުގައި ވަރަށް ސާދާކޮށް އުޅޭ އަރިޖިތްގެ މި ކުއްލި ނިންމުމާ ގުޅިގެން މިއުޒިކީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ހައިރާންކަން ފާޅުކުރަމުންނެވެ.
