ފިލްމީ ދާއިރާގައި ރީތި ސިފައެއް ލިބިފައިވުމަކީ އެކްޓަރުންނަށް ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށް އާންމުކޮށް ގަބޫލުކުރެވުނު ނަމަވެސް، ޓީވީ ތަރި ނަކުލް މެހެތާއަށް އެކަން ވީ ގެއްލުމަކަށެވެ.

ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި އޭނާ ހާމަކުރި ގޮތުގައި ބޮލީވުޑްގެ މަޝްހޫރު ފިލްމަކުން އޭނާއަށް ފުރުސަތު ގެއްލުނީ އޭނާ "މާ ރީތިވީމަ" އެވެ. މިއީ އޭނާގެ ކެރިއަރުގެ ކުރީކޮޅު ދިމާވި ހާދިސާއެއް ކަމަށް އޭނާ ބުންޏެވެ.

"އިޝްގްބާޒް" ގެ އެކްޓަރު ކިޔައިދިން ގޮތުގައި، އޭނާއަށް ހުށަހެޅުން ލިބުނީ ވަރަށް ރީތި ފިލްމެއްގެ ދެ ވަނަ ބައި ނުވަތަ ސީކުއެލްއިންނެވެ. އެ ފިލްމުގައި އޭނާ ކުޅެން ހަމަޖެހިފައި އޮތީ ރާޖަސްތާނުގެ ޕްރިންސެއް ނުވަތަ އަމީރެއްގެ ރޯލެވެ. މިކަމަށްޓަކައި ތާރީހުތައް ކަނޑައަޅައި، ފޮޓޯ ޝޫޓްތައް ވެސް ނިންމާފައިވާ ކަމަށާއި ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، އެކްޓިން ވޯކްޝޮޕެއްގައި އޭނާ ހުއްޓާ އެ ފިލްމުގެ ޑައިރެކްޓަރު ގުޅާފައި ދިން ހަބަރަކުން ހައިރާންވި ކަމަށް ނަކުލް ބުންޏެވެ. ޑައިރެކްޓަރު ބުނި ގޮތުގައި އޭނާ އެ ރޯލަށް މާ ރީތީއެވެ. އެ ވަގުތު ލިބުނު ހައިރާންކަމާއެކު ބުނާނެ އެއްޗެއް ނޭނގިގެން ހަމައެކަނި "އޯކޭ" އޭ ބުނެވުނު ކަމަށް ނަކުލް ކިޔައިދިނެވެ.

ނަކުލް ބުނި ގޮތުގައި އަމީރެއްގެ ރޯލަށް ރީތި މީހަކު ކަމުނުދާނެ ކަމަށް ބުނުމުން، އެއީ އޭނާ ފިލްމުން ވަކިކުރަން ވެގެން ދެއްކި ބަހަނާއެއް ކަމަށް ފަހުން ވިސްނުނެވެ. އަދި އެކަމާ މާ ބޮޑަށް ފިކުރުނުކޮށް ކުރިއަށް ދިޔައީ ކަމަށް އޭނާ ބުންޏެވެ.

މިހާރު ޓީވީ ސިލްސިލާތަކާ ދުރަށް ޖެހި، އޯޓީޓީ ޕްލެޓްފޯމްތަކުގައި މަސައްކަތް ކުރަމުން އަންނަ ނަކުލް އެންމެ ފަހުން ފެނިފައިވަނީ އިންޑިއާގެ ހަނދު މިޝަންއާ ގުޅޭ ސީރީޒް "ސްޕޭސް ޖެން: ޗަންދްރަޔާން" އިންނެވެ.