މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސް ކިރުވި ދޯނިފަހަރަށް ދޭންޖެހޭ ފައިސާގެ ތެރެއިން 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. މިފްކޯއިން ހާމަކުރި ގޮތުގައި މި ފައިސާ ދޫކޮށްފައިވަނީ ކަޅުބިލަމަހާއި ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކަށެވެ.

މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް މަސް ކިރުވި ފަރާތްތަކަށް މި ފައިސާ ޖަމާކޮށްދީފައިވަނީ 26 ޖަނަވަރީ 2026 ގައެވެ. މި ބުރުގައި ޖުމްލަ 56 ދޯންޏަކަށް ފައިސާ ދޫކޮށްފައިވާއިރު، އޭގެ ޖުމްލަ އަދަދަކީ 1،361،613.62 (އެއް މިލިއަން ތިން ލައްކަ ފަސްދޮޅަސް އެއް ހާސް ހަސަތޭކަ ތޭރަ ރުފިޔާ ފަސްދޮޅަސް ދެ ލާރި) އެވެ.

ފައިސާ ދޫކުރި ގޮތުގެ ތަފްސީލު:

ކަޅުބިލަމަސް: 30 ދޯންޏަކަށް 1،170،125.62 ރުފިޔާ.
ކަންނެލި (10 ކިލޯއިން މަތި): 16 ދޯންޏަކަށް 147،585 ރުފިޔާ.
ކަންނެލި (15 ކިލޯއިން މަތި): 10 ދޯންޏަކަށް 43،630 ރުފިޔާ.
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ތަންފީޒުކުރަމުން އަންނަ ސިޔާސަތެކެވެ. ސަރުކާރުން އަންނަނީ މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ނިޒާމު ހަރުދަނާކޮށް، މަހަށް ހަމަ އަގު ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.