ސަރުކާރުން މަސްވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. އަތޮޅުގެ ދެ ސަރަހައްދެއްގައި މިއަދު އާ ދެ ކަނދުފަތި ޤާއިމްކޮށްފިއެވެ. މި ދެ ކަނދުފަތި އަޅާފައިވަނީ ހއ. ހަތިފުށްޓާއި ހއ. ކެލާ ސަރަހައްދުގައެވެ.
ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ހއ. ހަތިފުށީ ހުޅަނގުން 20 މޭލު ބޭރުގައި ގާއިމުކޮށްފައިވަނީ ދޮށީ ކަނދުފައްޗެކެވެ. މި ކަނދުފަތީގެ ނަންބަރަކީ B08D02 އެވެ. އަދި ހއ. ކެލާގެ އުތުރުން 17 މޭލު ބޭރުގައި ގާއިމުކޮށްފައިވަނީ ވަދު ކަނދުފައްޗެކެވެ. މި ކަނދުފަތީގެ ނަންބަރަކީ B09D01-02 އެވެ.
ކަނދުފަތިތަކުގެ ލޮކޭޝަން:
ހަތިފުށި ކަނދުފަތި: 07°01.000’N އަދި 72°30.250’E
ކެލާ ކަނދުފަތި: 07°14.333’N އަދި 73°17.700’E
މި ކަނދުފަތިތައް ޤާއިމްކުރުމުގެ މައިގަނޑު މަގުސަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ތަރައްގީކޮށް، މަސްވެރިންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގގައި ހަރަކާތްތެރިވާ ފަރާތްތަކަށް މީގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ކަނދުފަތީގެ ވިއުގަ ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ކަނދުފަތިތައް އެޅުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށާއި، ކަނދުފަތި ތައްޔާރުކުރާ އިތުރު ދެ ސެންޓަރެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
