އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަނޑުއަޑީގައި ބޭއްވި ޕެނަލް ޑިސްކަޝަންގެ ގިނިސް ވޯލްޑް ރެކޯޑް ހެދުމަށް ބޭނުންކުރި ޒަމާނީ އާލާތްތައް އެމްއެންޑީއެފްއަށް ހަދިޔާކޮށްފިއެވެ.

ބަނޑާރަކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ތަކެތި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ ހަވާލުކޮށްދެއްވީ އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީއެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ:

1 އޯޝަން ރީފް އެމް105 ޑިޖިޓަލް ޑުއަލް ޗެނަލް ކޮމިއުނިކޭޝަން ޑިވައިސް
1 ލުބެލް ލެބް އަންޑަވޯޓާ ލައުޑް ސްޕީކަރު
3 އޯޝަން ރީފް ފުލް ފޭސް ފޭސް 2 ޑައިވިން މާސްކް


މި ތަކެތި ހަވާލުކުރައްވަމުން އުރީދޫގެ ސީއީއޯ ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގައި އެމްއެންޑީއެފުން އަދާކުރާ ދައުރަށް އެހީތެރިވުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އަދި މި އާލާތްތަކުގެ ސަބަބުން ކަނޑުއަޑީގެ މުވާސަލާތީ ގާބިލްކަމާއި އޮޕަރޭޝަނަލް ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި ގޮތުގައި، މި އެހީގެ ސަބަބުން ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު (މީހުން ހޯދައި ސަލާމަތްކުރުމުގެ) މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ކަނޑުމަތީގެ ގޮންޖެހުންތަކަށް އިޖާބަދިނުމަށް ފަސޭހަވެގެންދާނެއެވެ.