ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ޕެރޫ އަތުން ބްރެޒިލުން ބޮޑު މޮޅެއް ހޯދިއިރު، ވެނެޒުއޭލާއާ ދެކޮޅަށް ކޮލަމްބިއާ ކުޅުނު މެޗު ދެ ޓީމު އެއްވަރުވެގެން ނިމިއްޖެއެވެ.

ބްރެޒިލުން މި މެޗު ކާމިޔާބުކުރީ 4-0 އިންނެވެ. 10 މީހުންނާއެކު ކުޅެމުންދިޔަ ކޮލަމްބިއާ އިން ވެނެޒުއޭލާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

ރޭގެ ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނައިގައި އޮތް ބްރެޒިލަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ކޮލަމްބިއާ ދެވަނައިގައި އޮތްއިރު ތިންވަނައިގައި އޮތް ވެނެޒުއޭލާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ހަތަރުވަނައިގައި އޮތް އެކުއޭޑޯ އާއި އެންމެ ފުލުގައި އޮތް ޕެރޫ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ރިއޯ ޑީ ޖެނެއިރޯގައި ހުންނަ އެސްޓާޑިއޯ ނިލްޓަން ސަންޓޯސްގައި ކުޅުނު މެޗުގައި ބްރެޒިލުން ގިނަ ބަދަލުތަކާއެކު ނިކުމެ މޮޅު ކުޅުމެއް ދައްކާފައިވެއެވެ. މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ޔުވެންޓަސްގެ ފުލްބެކް އަލެކްސް ސެންޑްރޯ ކާމިޔާބުކުރި ގޯލުންނެވެ. މިއީ މެންޗެސްޓާ ސިޓީގެ ފޯވާޑް ގެބްރިއެލް ޖެސޫސް ދިން ބޯޅައަކުން ސެންޑްރޯ ޖެހި ގޯލެކެވެ.

ބްރެޒިލުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، މެޗުގެ 68 ވަނަ މިނެޓުގައި ފްރެޑް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ޕީއެސްޖީގެ ތަރި ނޭމާ އެވެ. އޭގެފަހުން، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް އެ ޓީމުގެ ތިންވަނަ ލަނޑު، ރިޗާލިސަން ދިން ބޯޅައަކުން އެވަޓަން ރިބެއިރޯ ކާމިޔާބުކޮށްދިންއިރު މެޗުގެ އިތުރުވަގުތުގައި ބްރެޒިލްގެ ފަހު ލަނޑުޖެހީ ރިޗާލިސަން އެވެ.

މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ކޮލަމްބިއާ އަތުން ޕޮއިންޓެއް ހޯދައިދިނުމުގައި ވެނެޒުއޭލާގެ ކީޕަރު ވުއިލްކާ ފަރިނޭޒް ވަނީ މޮޅު ކުޅުމެއްދައްކާފައެވެ. އެގޮތުން، މުޅި މެޗުގައި ކޮލަމްބިއާ އިން 23 ހަމަލާގެ ތެރެއިން ގޯލަށް އަމާޒުކޮށް ފޮނުވާލި 8 ހަމަލާއެއް ވެނެޒުއޭލާގެ ކީޕަރު ފަރިނޭޒް ވަނީ މަތަކޮށްފައެވެ. މި މެޗުގެ އިތުރުވަގުތުގައި ކޮލަމްބިއާގެ ލުއިސް ޑިއާޒަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، ބޮޑު މެޗުގައި އުރުގުއޭއާ ދެކޮޅަށް އާޖެންޓީނާ ނިކުންނައިރު ޗިލީ ނިކުންނާނީ ބޮލީވިއާ އާ ދެކޮޅަށެވެ.