ގިނަ މީހުން ސްކިންކެއާ އަށް ސަމާލުކަން ދޭން ފަށަނީ މޫނުގައި ރޫޖެހި، މުސްކުޅިވާން ފެށުމުންނެވެ. ނަމަވެސް، ހަމުގެ ޑޮކްޓަރުން ބުނާ ގޮތުގައި އުމުރުން 25 އަހަރަކީ ހަމުގެ ފަރުވާގެ "ޓާނިން ޕޮއިންޓް" އެވެ. މި ހިސާބުން ރޫޓިންއަށް އިތުރުކުރަންޖެހޭ އެންމެ މުހިންމު އެއްޗަކީ "ރެޓިނޯލް" އެވެ.

25 އަހަރު މުހިންމު ވަނީ ކީއްވެ؟ 

އިންސާނާގެ ހަންގަނޑު ވާންކޮށް އަދި އޮމާންކޮށް ބެހެއްޓުމަށް އެހީވެދޭ މައިގަނޑު ޕްރޮޓީން އަކީ "ކޮލާޖެން" އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން 25 އަހަރު ފުރުމާއެކު، އަހަރަކު ގާތްގަނޑަކަށް %1 (އެއް އިންސައްތަ) ގެ ރޭޓުން ހަށިގަނޑުގައި ކޮލާޖެން އުފައްދާ މިންވަރު މަދުވާން ފަށައެވެ.
މީގެ ނަތީޖާއަކީ ލޮލުގެ ކައިރީގައި ހިމަ ރޫތައް  ޖެހުމާއި، ހަންގަނޑު ދޫވާން ފަށައެވެ. 


އެހެންކަމުން، ރޫޖެހުމުގެ ކުރިން ރައްކާތެރިވުމަށްޓަކައި 25 އަހަރަކީ ފަރުވާ ފަށަން އެންމެ ރަނގަޅު އުމުރެވެ.


ރެޓިނޯލް އަކީ ކޮބާ؟ އޭގެން ކުރަނީ ކީއް؟

ރެޓިނޯލް އަކީ ވިޓަމިން އޭ އިން އުފައްދާ އެއްޗެކެވެ. މިއީ "އެންޓި-އޭޖިންގ" ނުވަތަ މުސްކުޅިވުން ލަސްކޮށްދިނުމަށް ސައިންސްގެ އަލީގައި ހޯދިފައިވާ އެންމެ ވަރުގަދަ ސްކިންކެއާ އިންގްރީޑިއަންޓެވެ.

ސެލްތައް އާކޮށްދިނުން: ރެޓިނޯލް ބޭނުންކުރުމުން ހަންގަނޑުގެ ސެލްތައް އާވާ މިންވަރު އަވަސްކޮށްދެއެވެ. މިއީ ޒުވާން އިރު ހަށިގަނޑުން އަމިއްލައަށް ކުރާ ކަމެކެވެ.


ކޮލާޖެން އުފެއްދުން: މިއީ ހަންގަނޑުގެ އަޑިއަށް ފީނައިގަނެ، އާ ކޮލާޖެން އުފެއްދުމަށް ބާރުއަޅާ އެއްޗެކެވެ.


އޮށާޅަ އާއި ލައްތައް: ހަމައެކަނި ރޫތަކަށް ޚާއްސަ އެއްޗެއް ނޫނެވެ. މިއީ ބިހި ނެގުން ކޮންޓްރޯލްކޮށް، މޫނުގައި ހުންނަ ކަޅު ލައްތައް ފިލުވައިދިނުމަށް ވެސް އެހީވެދޭ އެއްޗެކެވެ.


ބޭނުންކުރަން ފަށާނީ ކިހިނެއް؟

ޑޮކްޓަރުންގެ ލަފާ ވަރަށް މިހިންމެވެ. ރެޓިނޯލް އަކީ ވަރަށް ބާރުގަދަ އެއްޗަކަށް ވާތީ، ފުރަތަމަ ފަށައިގަންނައިރު ވަރަށް ފަރުވާތެރިވާން ޖެހޭނެއެވެ.

ރޭގަނޑު އެކަނި: އިރުގެ އަވިން ރެޓިނޯލްގެ ބާރު ކަނޑުވާލާތީ، މިއީ ހަމައެކަނި ރޭގަނޑު ބޭނުންކުރަންޖެހޭ އެއްޗެކެވެ.


"ސޭންޑްވިޗް" އުކުޅު: ހަންގަނޑު ހިކިވިޔަ ނުދިނުމަށްޓަކައި؛ ފުރަތަމަ މޮއިސްޗަރައިޒަާ، ދެން ކުޑަ (މުގު ފުކެއްހާ ވަރުގެ) ރެޓިނޯލް ކޮޅެއް ދެން އޭގެ މައްޗަށް އަނެއްކާވެސް މޮއިސްޗަރައިޒާ އުނގުޅުނ، މި ތަރުތީބުން އުނގުޅާށެވެ.


ހަފްތާއަކު 2 ދުވަހު: ފުރަތަމަ ފަށާއިރު ކޮންމެ ރެއަކު ބޭނުން ނުކުރާށެވެ. ހަފްތާއަކު 1 ނުވަތަ 2 ރޭ ބޭނުންކޮށްފައި، ހަންގަނޑު ހޭނުމުން އިތުރު ކުރާށެވެ.


4. އެންމެ މުހިންމު އިންޒާރު! ރެޓިނޯލް ބޭނުންކުރަން ފެށުމަށްފަހު، ދުވާލު ގަޑީގައި ސަންސްކްރީން ބޭނުންކުރުން މަޖުބޫރެވެ. ސަބަބަކީ ރެޓިނޯލްގެ ސަބަބުން އިރުގެ ދޯދިތަކަށް ހަންގަނޑު ނާޒުކު ކޮށްލާތީއެވެ. ރާއްޖެ ފަދަ އަވިގަދަ ގައުމެއްގައި ސަންސްކްރީން ނުލައި ރެޓިނޯލް ބޭނުންކޮށްފިނަމަ، މޫނު ރީތިވުމުގެ ބަދަލުގައި އިތުރަށް އަނދައި ކަޅުވުން ގާތެވެ.

ރެޓިނޯލްގެ ނަތީޖާ ފެންނަން މަދުވެގެން 3 މަސް ނަގާނެއެވެ. މުހިންމީ ކެތްތެރިކަމާއެކު ގަވާއިދުން ބޭނުންކުރުމެވެ. އުމުރުން 25 އަހަރު ފުރިފައިވާނަމަ، މިއަދަކީ މި ފަރުވާ ފަށަން އެންމެ ރަނގަޅު ދުވަހެވެ.