ދުނިޔޭގެ އެންމެ އަގު ބޮޑެތި ޖަވާހިރުތަކުގެ ތެރެއިން ޖަވާހިރެއް ދެކުނު އެފްރިކާގެ ގައުމަކުން ފެނިއްޖެއެވެ.
ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ ބޮސްވާނާއިން ފެނުނު މި ޖަވާހިރަކީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޖަވާހިރުކަމަށް ވަނީ ބެލެވިފައެވެ.
1098 ކެރެޓް ސްޓޯން ފެނިފައިވަނީ މިމަހުގެ ކުރީކޮޅު، ޖަވާހިރު ހޯދުމުގައި މަސައްކަތް ކުރަމުން އަންނަ ޑެބްސްވާނާ ޖަވާހިރު ކުންފުންޏަކަށް ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
އެގައުމުގެ ސަރުކާރުން ބުނެފައިވަނީ އެ ޖަވާހިރު ބޭނުން ކުރާނީ އެގައުމު ކުރިއެރުވުމަށް ބޭނުންވާ ތަރައްގީ ގެނައުމަށެވެ.
1982 ވަނަ އަހަރު ހުޅުވާފައިވާ އެ މައިން ކުންފުނިން އަަހަރަކު 12.5 މިލިއަނާއި 15 މިލިއަން ކެރެޓްގެ ޖަވާހިރު މައިން ކުރާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އަލަށް ފެނިފައިވާ އެ ޖަވާހިރަކީ މިހާތަނަށް އެގައުމުން ފެނިފައިވާ އެންމެ ބޮޑު ޖަވާހިރު ކަމަށް ވެސް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
މިހާތަނަށް އެއްކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ޖަވާހިރަކީ 3،106 ކެރެޓްގެ ކުލިނަން ޖަވާހިރެކެވެ. އެ ޖަވާހިރަކީ ދެކުނު އެފްރިކާއިން 1905 ވަނަ އަހަރުގެ ފެނިފައިވާ ޖަވާހިރެކެވެ.
ދެން އެންމެ ބޮޑު ޖަވާހިރަކަށް ފެނިފައިވަނީ 1109 ކެރެޓްގެ ޖަވާހިރެކެވެ. އެ ޖަވާހިރު ވެސް ފެނިފައިވަނީ ދެކުނު އެފްރިކާގެ ބޮސްވާނާއިންނެވެ. އެއީ 2015 ވަނަ އަހަރުއެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ވެސް އެގައުމުން ވަނީ 1758 ކެރެޓްގެ "ސްޓޯން" އެއް ފެނިފައެވެ.
