ކެންސަރު ބައްޔަށް ފަރުވާ ކުރުމުގައި "އިމިއުނޯތެރަޕީ" އަކީ ބޮޑު އިންގިލާބެއް ގެނުވި ފަރުވާއެކެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްގެން ކެންސަރު ސެލްތަކާ ހަނގުރާމަކުރުމަށް ބޭނުންކުރާ ފަރުވާއެކެވެ. ނަމަވެސް، ގިނަ ފަހަރަށް މި ފަރުވާ ދިނުމުން ވެސް ކެންސަރު ސެލްތައް ދިފާއީ ނިޒާމަށް ނޭނގި ސަލާމަތްވާކަން ވަނީ ފާހަގަކުރެވިފައެވެ. ޖަޕާނުގެ ފުޖީޓާ ހެލްތު ޔުނިވަރސިޓީގެ ސައިންސްވެރިން މިހާރު ވަނީ މިކަން ދިމާވާ ސިއްރު ސަބަބު ހޯދާފައެވެ.
ފުޖީޓާ ހެލްތު ޔުނިވަރސިޓީގެ މި ދިރާސާއިން ހާމަވި ގޮތުގައި، ކެންސަރު ސެލްތަކުން ދިފާއީ ނިޒާމުގެ މަސައްކަތަށް ހުރަސްއެޅުމަށްޓަކައި "ޕީ.ޑީ - އެލް1" ކިޔާ ޕްރޮޓީންއެއް ބޭނުންކުރެއެވެ. މި ޕްރޮޓީންއަކީ ދިފާއީ ނިޒާމުގެ ސެލްތައް "ނިދިޖައްސާލާ" ނުވަތަ އޭގެ ބާރު ކަނޑުވާލާ އެއްޗެކެވެ. ކުރިން ހީކުރެވިފައި އޮތީ މި ޕްރޮޓީން ހުންނަނީ ހަމައެކަނި ކެންސަރު ސެލްގެ ބޭރު ފަށަލައިގައި ކަމަށެވެ. ނަމަވެސް، އާ ހޯދުންތަކުން ދައްކާގޮތުގައި ކެންސަރު ސެލްތަކުން މި ޕްރޮޓީން ކުދިކުދިކޮށް މުޅި ހަށިގަނޑަށް ފޮނުވާލައެވެ. މީގެ ސަބަބުން އިމިއުނޯތެރަޕީގެ ބާރު ކެނޑި، ބަލި ކޮންޓްރޯލް ކުރުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.
މި މަސައްކަތް ކެންސަރު ސެލްތަކުގެ ތެރޭގައި ހިންގަނީ "ޔޫ.އެލް.ބީ 3" ކިޔާ ސިއްރު ޕްރޮޓީންއެއްގެ އެހީގައެވެ. މި ޕްރޮޓީންއަކީ "ޕީ.ޑީ - އެލް1" ހަށިގަނޑުގެ ތެރެއަށް ފޮނުވާލުމަށް އެހީތެރިވާ މައިގަނޑު ވަސީލަތެވެ.
ނަމަވެސް، މި ދިރާސާއިން ވަނީ އުއްމީދީ ހައްލެއް ވެސް ދައްކާފައެވެ. އެއީ އާންމުކޮށް ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރާ "ސްޓެޓިންސް" ބޭނުންކޮށްގެން މި މަސައްކަތް ހުއްޓުވިދާނެ ކަމެވެ. ސްޓެޓިންސްގެ ސަބަބުން "ޔޫ.އެލް.ބީ 3" ޕްރޮޓީންގެ މަސައްކަތަށް ހުރަސްއެޅި، "ޕީ.ޑީ - އެލް1" ހަށިގަނޑުގެ ތެރޭގައި ފެތުރުން ހުއްޓުވައިދެއެވެ.
މި ހޯދުމަކީ ކެންސަރުގެ ފަރުވާގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި އިމިއުނޯތެރަޕީއާއެކު "ސްޓެޓިންސް" ފަދަ ބޭސްތައް ބޭނުންކޮށްގެން، ކެންސަރު ބަލި މީހުންނަށް ދެވޭ ފަރުވާގެ ނަތީޖާ މިހާރަށްވުރެ ރަނގަޅު ކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
