މާލޭގައި ހިންގަމުން އަންނަ ބޯކޮށާ ސެލޫނަކަށް ވަދެ ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި އަންހެނަކާއި ފިރިހެނެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ އަންހެނަކާއި 37 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންގެ މައްޗަށް ފުލުހުން ކުރަނީ ވައްކަން ކުރުމާއި ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި ދެ މީހުން ބަންދުގައި ބޭތިއްބުމަށް ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. ތަހުގީގަށް ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، އެ ސެލޫންގެ ދޮރު ހަލާކުކޮށްލައިގެން ނުވަތަ ފޭކޮށްލައިގެން އެތަނަށް ވަންނަން އުޅުނު ކަމަށް ބެލެވޭ މިންވަރަށް ހެކި ލިބިފައިވެއެވެ.
މީގެ އިތުރުން، އެ މީހުން ދުއްވި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު، ދޮރު ހަލާކުކޮށްލުމަށް ބޭނުންކުރި ކަމަށް ޝައްކުކުރެވޭ ފުށްކަށްޓެއް އެ އުޅަނދުގެ ތެރެއިން ފެނިފައިވާކަން ވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާއިރު، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވެސް ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 272 ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ނިމިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު 12,096 މައްސަލައިގެ ތެރެއިން 3,478 މައްސަލައަކީ ވައްކަމުގެ މައްސަލަތައްކަން ފާހަގަކޮށްލެވެއެވެ.
