ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ މެންބަރަކު ހޮވުމަށް، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ 2026 ވަނަ އަހަރާއި 2027 ވަނަ އަހަރުގެ ދައުރަށެވެ.
އެސްޓީއޯގެ ހިންގާ ގަވައިދުގައިވާ ގޮތުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ އެއް ޑިރެކްޓަރަކާއި، ސަރުކާރު ނުވަތަ މައި ހިއްސާދާރު ތަމްސީލުކުރާ ހަ ޑިރެކްޓަރުންގެ މައްޗަށެވެ. ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުންނަކީ ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވުމަށް އެ ކުންފުނިން ބާރުއަޅައެވެ.
މި ފަހަރުގެ އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވުމަށް އެސްޓީއޯ އިން ވަނީ އެދިފައެވެ. އެސްޓީއޯ އިން ބުނީ މިއީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައިވާ ގޮތުގެ މަތިން، ކުންފުނީގެ ހިންގުމުގައި އަންހެނުންގެ ދައުރު ފުޅާކޮށް، މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބޭނެ ބާރެއް ކަމަށެވެ. މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ފުރިފައިވާ ދިވެހިންނަށެވެ.
ޑިރެކްޓަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ 15:00 އެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ އެ ކުންފުނީގެ ސެކްރެޓޭރިއޭޓަށް އެޑްރެސްކޮށް cs@sto.mv އީމެއިލް އަށެވެ.
