އުރީދޫ ނޭޝަންގެ 2026 ވަނަ އަހަރުގެ ކިކްއޯފް ޓޯނަމަންޓްގެ ގޮތުގައި، "އޯޕަން ސީރީޒް ސީޒަން 1" ގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ. މިއީ ދިވެހި ގޭމަރުންނަށް ފޯރިގަދަ ފެށުމަކަށް ވެގެންދާނެ ކަމަށް އެ ފަރާތުން ބުނެއެވެ. މި ސީޒަނުގައި ހިމެނެނީ ކްލޭޝް ރޯޔާލް އަދި އީއޭއެފްސީ އަލްޓިމޭޓް ޓީމް މުބާރާތެވެ.

ކްލޭޝް ރޯޔަލް މުބާރާތަށް ބަލާއިރު، ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 6 ވަނަ ދުވަހުއެވެ. ހަމައެއާއެކު އީއޭއެފްސީ އަލްޓިމޭޓް ޓީމް މުބާރާތުގެ ސުންގަޑިއަކީ ފެބްރުއަރީ 12 ކަމަށްވާއިރު، މުބާރާތް ފަށާނީ ފެބްރުއަރީ 16 ގައެވެ. މިއިން ކޮންމެ މުބާރާތެއްގެ ރަޖިސްޓްރޭޝަން ފީއަކީ 50 ރުފިޔާއެވެ. އަދި ކޮންމެ މުބާރާތަކަށް 5،000 ރުފިޔާގެ އިނާމު ޕޫލެއް ވަނީ ކަނޑައަޅާފައެވެ.

އުރީދޫ ނޭޝަން އިން މައުލޫމާތުދޭ ގޮތުގައި މި މުބާރާތްތައް އޮންލައިން ފޯމެޓަށް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ކުޅުންތެރިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޭމަރުންގެ ހުނަރު ދައްކާލައި، ގޭމިން ކޮމިއުނިޓީއާ ގުޅުވައިދިނުމަށް ހުޅުވާލެވޭ މުހިންމު ޕްލެޓްފޯމެކެވެ.

އީ-ސްޕޯޓްސް މެދުވެރިކޮށް ޑިޖިޓަލް ހުނަރުވެރިން ކުރިއަރުވައި ޒުވާނުން ބާރުވެރިކުރުވުމަކީ އުރީދޫގެ އަމާޒެކެވެ. އެހެންކަމުން 2026 ވަނަ އަހަރުގެ މި އީ-ސްޕޯޓްސް ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ގޭމަރުންނަށް އުރީދޫ ނޭޝަން އިން ވަނީ ދައުވަތު އަރުވާފައެވެ. މުބާރާތުގައި ބައިވެރިވުމަށް، އުރީދޫ ނޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.