ގަންގާ ކޯރުގައި ލަކުޑި ފޮއްޓަކަށްލާފައިވާ 21 ދުވަސްވީ ތުއްތު އަންހެން ކުއްޖަކު ސަލާމަތްކޮށްފި އެވެ. މި ހާދިސާ ހިނގައިފައިވަނީ އިންޑިޔާގެ އުތުރު އުއްތަރަ ޕްރަދޭޝްގައެވެ.

އެ ކުއްޖާ ސަލާމަތްކުރި މީހާ ބުނީ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު އިވިގެން އެ ފޮއްޓާ ހަމައަށް ގޮސް ހުޅުވާ ބެލިއިރު، އޭގައި ރަތް ކުލައިގެ ފޮތިގަނޑަކަށްލާފައި އޮތީ ކުޑަ ކުއްޖެއް ކަމަށެވެ.

ކުޑަ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް އެ ކުއްޖާގެ ހާލަތު ބަލާ ފަރުވާ ވެސްވަނީ ދީފައެވެ. އެއަށްފަހު "ޝެލްޓާ ހޯމަކަށް" ފޮނުވުމަށްވެސް ވަނީ ނިންމައިފަ އެވެ.

އެގައުމުގެ ފުލުހުން މިހާރު އަންނަނީ މި މައްސަލަ ބަލާ ތަހުގީގު ކުރަމުންނެވެ. ބެލެވޭ ގޮތުން އެއީ އިންޑިއާގައި އޮންނަ ޖިންސުގެ ތަފާތު ކުރުމުގެ ތެރެއިން އަންހެން ކުއްޖެއްވީމާ އާއިލާ އިން ހަވާލުނުވެ ދޫކޮށްލާފައިވާ ކުއްޖެކެވެ. އިންޑިއާގެ ފަގީރު ބައެއް މުޖްތަމައުތަކުގައި އަންހެން ދަރިންނަކީ ބޮޑު ބުރައެއް ކަމަށް ބަލަ އެވެ. އަދި އަންހެން ކުއްޖެއް ނަމަ ވިހެއުމުގެ ކުރިން ވައްޓާލުމުގެ މައްސަލަ ވެސް މިފަހުން ވަނީ ބޮޑުވެފައެވެ. އެސަބަބަށްޓަކައި ބަނޑުގައި އޮންނަ ތުއްތު ކުއްޖާގެ ޖިންސް ބެލުން އެގައުމުގައި އޮންނަނީ މަނާކޮށްފަ އެވެ.

ސްޓޭޓް ސަރުކާރުން ބުނެފައި ވަނީ ކުޑަ ކުއްޖާ ބެލުމުގެ ޚަރަދާ ހަވާލުވާނެ ކަމަށެވެ. ޗީފް މިިނިސްޓަރު ޔޯގީ އަދިތިޔަނާތު ވިދާޅުވީ ކުއްޖާ ސަލާމަތް ކުރި މީހާ އަށް ސަރުކާރުން ޚާއްސަ އިނާޔަތް ދޭނެ ކަމަށެވެ. އިންސާނިއްޔަތަށް ނަމޫނާ ދައްކާފައިވާތީ ހަދިޔާއަކަށް އޭނާ އަށް ގެއެއް ދޭނެ ކަމަށް ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

ކުއްޖާ ސަލާމަތްކުރި މީހާ ބުނީ ކޯރުގެ އައްސޭރީގައި ތިބި މީހުންނަށް ކުޑަ ކުއްޖާގެ ރުއިމުގެ އަޑު އިވުނު ކަމަށާއި އެކަމަކު އެއްވެސް މީހަކަށް އެ ކުއްޖާ ސަލާމަތް ކުރަންދާން ނުކެރުނު ކަމަށެވެ. އެންމެ ފަހުން އޭނާ ގޮސް ފޮށި ހުޅުވާ ކުއްޖާ ސަލާމަތްކުރީ ކަމަށް ބުންޏެވެ.

އިންޑިޔާގައި މިފަދަ ހާދިސާތަކަކީ ވަރަށް އާންމު ކަމެކެވެ.