ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްއިން ބޭންކިން ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ހުއްދަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ދީފިއެވެ. މިއާއެކު ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް އާ އުންމީދުތަކެއް ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.
މި ބޭންކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް 2024 ވަނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު އުފެއްދެވި ބޭންކެކެވެ. ސައްތައިން ސައްތަ ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ މި ބޭންކު ރާއްޖޭގައި ހުޅުވުމަށް ބޭނުންވާ ބޭންކިން ލައިސެންސް އެމްއެމްއޭއިން ދީފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި ބޭންކުގެ ހިދުމަތް ފެށުމާއެކު، ދިގު މުއްދަތުގެ މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ލިބޭނެ ބޮޑު އެހީތެރިކަމެއްގެ އިތުރުން، މާލީ ދާއިރާ ފުޅާކޮށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
