ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިމިދިޔަ 2025 ވަނަ އަހަރު މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، އަހަރުގެ ސާފު ފައިދާގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ހޯދައިފިއެވެ. މިއީ އެ ބޭންކުގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު އަހަރެއް ކަމަށް މާލީ ހިސާބުތަކުން ދައްކައެވެ.
އެ ބޭންކުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރު ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 5.5 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 16.1 ޕަސަންޓުގެ ކުރިއެރުމެކެވެ. ހަމައެއާއެކު، ބޭންކުގެ ޖުމްލަ އެސެޓް ނުވަތަ މުދަލުގެ އަގު ވަނީ 55.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ވެސް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15 ޕަސަންޓުގެ އިތުރުވުމެކެވެ. ވަކިން ހާއްސަކޮށް އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 837.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 76.2 ޕަސަންޓުގެ ކުރިއެރުމެކެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، 2025 ވަނަ އަހަރު ކާމިޔާބުކަމާއެކު ނިންމާލެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދާއިރާތަކުން ހޯދި ކުރިއެރުމާއި ހަރުދަނާ ރިސްކް މެނޭޖްމަންޓެއްގެ ސަބަބުން ބޭންކުގެ މާލީ ދުޅަހެޔޮކަން ދަމަހައްޓައި ވަރުގަދަ މާލީ ނަތީޖާއެއް ހާސިލްކޮށް ވަރުގަދަ ބެލެންސް ޝީޓެއް ދެމެހެއްޓިފައިވޭ. ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން ވަނީ ފުޅާ ދާއިރާއެއްގައި ލޯނު ދޫކޮށްފައެވެ. އެގޮތުން ވިޔަފާރިތަކާއި އާންމު ފަރުދުންނަށް މިދިޔަ އަހަރު އެކަނިވެސް 10 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ. ގެދޮރުވެރިކަމަށް ހާއްސަ އިސްކަމެއް ދީގެން، ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން 5 ޕަސަންޓުގެ ރޭޓުގައި 'ހިޔާވެހި ފައިނޭންސިން' ތައާރަފުކުރުމާއި، ގެދޮރު ގަތުމަށް ދޫކުރާ ލޯނުގެ އިކުއިޓީ 5 ޕަސަންޓަށް ކުޑަކުރުން ފަދަ މުހިންމު ފިޔަވަޅުތައް އަޅާފައިވާކަން ބޭންކުން ފާހަގަކުރެއެވެ.
ބީއެމްއެލްއިން ސިފަކުރާ ގޮތުގައި ނިމިދިޔަ އަހަރަކީ ސްޓްރެޓެޖިކް ގޮތުންނާއި އާ ވިސްނުންތަކާއެކު ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވުނު ތާރީހީ އަހަރެކެވެ. މީގެ ތެރޭގައި 'ގްރީން ރިސޯޓް ފައިނޭންސިން' ތައާރަފުކުރުމާއި، 'ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް' އުފެއްދުން ހިމެނޭކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.
