މަޝްހޫރު ފިލްމީ ތަރި އަހުމަދު އާސިމް، މިހާރު ސިނަމާގައި އަޅާފައިވާ ފިލްމު "ދޯދި" އަށް ވަރަށް ބޮޑަށް ތައުރީފުކޮށް، މިއީ މި ޒަމާނުގެ ކުދިންނާ ގުޅޭ "ޖެންޒީ" ފިލްމެއްގެ ގޮތުގައި ސިފަކޮށްފިއެވެ. އާސިމް ބުނި ގޮތުގައި މިއީ ހުނަރުން ފުރިގެންވާ މޮޅު ޒުވާން ކުދިންތަކެއް ފެނިގެންދާ، ބަލާލަން ޗާލު ފިލްމެކެވެ.

މި ފިލްމުގައި ހުރިހާ ތަރިން ވެސް އެމީހުންގެ ރޯލުތައް ވަރަށް ފުރިހަމައަށް އަދާކޮށްފައިވާކަން އާސިމް ފާހަގަކުރިއެވެ. ހާއްސަކޮށް ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ލާނާ ޖަލީލްގެ އެކްޓިން މޮޅުކަމުން، މުޅި ސިނަމާ ހަމަހިމޭންކޮށްލި ކަމަށް އާސިމް ބުންޏެވެ. އަދި ފިލްމުގެ ޑައިރެކްޓަރު މޯ އާއި ކެމެރާގެ މަސައްކަތްތަކަށާއި ދޯދި ޓީމުގެ ޓެކްނިކަލް ހުރިހާ މަސައްކަތްތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށް މަރުހަބާ ކިޔާފައެވެ.

އާސިމްގެ ނަޒަރުގައި ރާއްޖެއިން އާންމުކޮށް ފެންނަ އިންޑިއާގެ ޑްރާމާތަކާ އެއްގޮތް ފިލްމުތަކާ ހިލާފަށް، "ދޯދި" އަކީ ދިވެހިންގެ އަސްލު ދިރިއުޅުން ދައްކުވައިދޭ އަމިއްލަވަންތަ އުފެއްދުމެކެވެ. މިއީ އާއިލާތައް ރޫޅި، މައިންބަފައިން ދަރިންނާ ވަކިވުމުން އެކުދިން ކުރާ ހިތާމައާއި މައިންބަފައިންނަށް ހެދޭ ގޯސްތައް ވަރަށް ރަނގަޅަށް ދައްކުވައިދޭ ފިލްމެއް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މިއީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ފިލްމެއް ނަމަވެސް، ކޮންމެ މަންމައަކާއި ބައްޕައަކު ވެސް ބަލާލުން މުހިންމު ފިލްމެއްކަމަށް އާސިމް ފާހަގަކުރެއެވެ.

މީގެ ފަސް އަހަރު ކުރިން އާސިމް ވަނީ މި ޓީމާއެކު "ކުލަ" ނަމަކަށް ކިޔާ ލަވައެއްގެ މަސައްކަތް ވެސް ކޮށްފައެވެ. ލޫދިފާ، ގަމިނީ އަދި ނިވައިރޯޅި ފަދަ ފިލްމުތަކުން ފެނިގެންދިޔަ އާސިމް މިވަގުތު މަސައްކަތް ކުރަމުންދަނީ މޫމިން ފުއާދުއާ އެކު "ޗާލާކީ" ވެބް ސީރީޒްގެ ޕޯސްޓް ޕްރޮޑަކްޝަންގައެވެ. އޭނާ ބުނާ ގޮތުގައި މިހާރު ކެމެރާގެ ކުރިމަތީގައި މަސައްކަތް ކުރުމަށްވުރެ ބޮޑަށް ޝައުގުވެރިކަން ހުރީ ފިލްމު އުފެއްދުމުގެ ދާއިރާއަށެވެ. އެގޮތުން ނިމިދިޔަ އަހަރު އޭނާ ވަނީ އެމްއޭސީއެލް އޮފީސް ޑްރާމާއިން ބެސްޓް އެޑިޓަރުގެ އެވޯޑު ވެސް ހޯދާފައެވެ.