ތ. ވިލުފުށީގައި ޤާއިމުކުރާ އެއަރޕޯޓަށް ބޭނުންވާ ސަރަޙައްދުގެ ބޮޑު ބައެއް ހިއްކައި ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.އެމްއޭސީއެލް އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޖުމްލަ 81 ހެކްޓަރުގެ ބިން ހިއްކުމަށް ރޭވިފައިވާއިރު، މިހާރު 65 ހެކްޓަރު ވަނީ ހިއްކައި ނިންމާލެވިފައެވެ. މިއީ މުޅި މަޝްރޫޢުގެ 80 އިންސައްތައެވެ.


ފިލިޕޯ ބުރުނެލޭސްކީ ނަމަކަށް ކިޔާ، 11،300 ކިއުބިކް މީޓަރުގެ ޖާގައިގެ ޑްރެޖަރެއް ބޭނުންކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ.


1800 މީޓަރުގެ ރަންވޭއެއް ހިމެނޭ މި އެއަރޕޯޓުގައި ޓާމިނަލް ޢިމާރާތާއި، ފަޔަރ ސްޓޭޝަނާއި، އެއަރޕޯޓަކަށް ޒަރޫރީ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ. ދެ އަހަރާއި ބައިގެ ތެރޭގައި މި މަޝްރޫޢު ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.


މިދިޔަ އަހަރު ސެޕްޓެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލުފުއްޓަށް ވަޑައިގެން މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވިއެވެ. އެ ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން އެއަރޕޯޓުގެ މަސައްކަތް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.