ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދިވެހި އާ ފިލްމު "ދޯދި" ބައްލަވާލެއްވުމަށްފަހު އެ ފިލްމުގެ ޑައިރެކްޝަނާއި ތަރިންގެ އެކްޓިންއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ. މި ފިލްމަކީ މޯވަން ޝަފީގް (މޯ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ހުރިހާ ގޮތަކުން ވެސް ވަރަށް ފުރިހަމަ އަދި "އެކްސެލެންޓް" ފިލްމެއް ކަމަށެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ލާނާ ޖަލީލްގެ އިތުރުން، ސަޕޯޓިން ރޯލުތަކުން ފެންނަ އިންނަ އަދި ޝަހުދާންގެ މަސައްކަތް ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ފިލްމުގެ މުޅި ޓީމަށް މަރުހަބާ ދަންނަވާފައެވެ. އަދި އެންމެން ވެސް މި ފިލްމު ބެލުމަށް އެމަނިކުފާނު ވަނީ ރިކޮމެންޑް ކުރައްވާފައެވެ.

ރައީސް ނަޝީދުގެ އިތުރުން މަޝްހޫރު ފިލްމީ ތަރި އަހުމަދު އާސިމް ވެސް ވަނީ މި ފިލްމަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ. އާސިމް ސިފަކުރެއްވި ގޮތުގައި މިއީ އިންޑިއާގެ ޑްރާމާތަކާ އެއްގޮތަށް ހަދާފައިވާ ފިލްމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ މި ޒަމާނުގެ ކުދިންނާ ގުޅޭ "ޖެންޒީ" ފިލްމެއް ކަމަށާއި، ދިވެހިންގެ އަސްލު ދިރިއުޅުން ދައްކުވައިދޭ އަމިއްލަވަންތަ އުފެއްދުމެއް ކަމަށް އޭނާ ބުންޏެވެ.

ލާނާގެ އެކްޓިންއާ ގުޅޭގޮތުން އާސިމް ބުނީ، އޭނާގެ މޮޅު ހުށަހެޅުމާއެކު މުޅި ސިނަމާ ހަމަހިމޭންކޮށްލި ކަމަށެވެ. މިއީ އާއިލާތައް ރޫޅި، މައިންބަފައިން ދަރިންނާ ވަކިވުމުން އެކުދިން ކުރާ ހިތާމައާއި މައިންބަފައިންނަށް ހެދޭ ގޯސްތައް ދައްކުވައިދޭ، ބެލެނިވެރިންނަށް ވެސް މުހިންމު ފިލްމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.