ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހް ރުކް ހާންގެ ހިތްތިރިކަމާއި އާންމުންނާ މުއާމަލާތްކުރާ ގޮތަށް ގިނަ ބަޔަކު އަނެއްކާވެސް ތައުރީފު ކުރަން ފަށައިފިއެވެ.

މި ފަހަރު ގިނަ ބަޔަކު އޭނާއަށް ތައުރީފުކޮށްފައިވަނީ މުމްބާއީ އެއާޕޯޓުގައި ސެކިއުރިޓީ އޮފިސަރަކު އޭނާ ގާތު އައިނު ނަގަން ބުނުމުން، އެއްވެސް ބޮޑާކަމެއް ނެތި އެކަމަށް އިޖާބަދިނުމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ހާން ދުބާއީއަށް ފުރަން އެއާޕޯޓަށް ދިޔަ ވަގުތުގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ޓާމިނަލް ގޭޓުގައި ހުރި ސީއައިއެސްއެފްގެ އޮފިސަރު ހާންގެ ލިޔެކިޔުންތައް ޗެކްކުރަމުން ދިޔައިރު އޭނާ ހުރީ ކަޅު ކުލައިގެ އަވިއައިނެއް އަޅައިގެންނެވެ. އޮފިސަރު ހިނިތުންވުމާއެކު އައިނު ނަގަން އެދުމުން، ހާން ވަގުތުން އައިނު ނަގައި އޮފިސަރަށް މޫނު ދައްކާލިއެވެ. އަދި ހުރިހާ ކަމެއް ރަނގަޅުތޯ އަހައި، އޮފިސަރުގެ އަތުގައި ލޯބިން ޖަހާލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ.

މި މަންޒަރު ފެނި ސަޕޯޓަރުން ވަނީ ހާންގެ އަހުލާގަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވަނީ އޭނާއަށް "ކިންގް" ގެ ނަން ދީފައިވަނީ ސަބަބެއް އޮވެގެން ކަމަށާއި، ބޮޑު ތަރިއަކަށް ވިޔަސް ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަކީ ނަމޫނާއެއް ކަމަށެވެ. އަދި އޮފިސަރުގެ ވާޖިބަށް ހުރަސް ނާޅައި، ހިނިތުންވުމާއެކު އެއްބާރުލުން ދިނުމުން ގިނަ ބަޔަކު ވަނީ އެކަން ފާހަގަކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޝާހް ރުކް ހާން ދުބާއީއަށް މި ދިޔައީ ދުބާއީ މޯލް ގްލޯބަލް ފެޝަން އެވޯޑްސްގައި ދޭ "ގްލޯބަލް ސްޓައިލް އައިކަން" އެވޯޑު ހޯދުމަށެވެ. މީގެ އިތުރުން ހާންގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، 2026 ވަނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ކިންގް" އިން އޭނާ ފެނިގެންދާނެއެވެ.