ބޮލީވުޑްގެ މަޝްހޫރު ތަރި ސުނިލް ޝެޓީ، އޭނާގެ ދަރިފުޅު އަހާން ޝެޓީ މުހިންމު ރޯލެއް ކުޅެފައިވާ އާ ފިލްމު "ބޯޑާ 2" ބެލުމަށް އިންކާރުކޮށް، އެކަން ކުރުމަށް ވަކި ޝަރުތެއް ކަނޑައަޅައިފިއެވެ. ސުނިލް ބުނި ގޮތުގައި މިއީ ދަރިފުޅުގެ ކާމިޔާބީއަށް އެދި އޭނާ ބުނި ނަދުރެކެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސުނިލް ބުނީ، ދުނިޔޭގެ ބާޒާރުގައި އެ ފިލްމަށް 500 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުމުން ނޫނީ އެ ފިލްމު ނުބަލަން އޭނާ ނިންމާފައިވާ ކަމަށެވެ. މިއީ ފިލްމާމެދު އޮތް ބޮޑާކަމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ދަރިފުޅުގެ ފިލްމު ކާމިޔާބުވުމަށް އެދި ކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
މިދިޔަ ހަފުތާގައި މުމްބާއީގައި އޮތް މި ފިލްމުގެ ޕްރިމިއާ ޝޯއަށް ސުނިލް އޭނާގެ އާއިލާއާއެކު ދިޔައެވެ. ނަމަވެސް އޭނާގެ އަންހެނުން މާނާ ޝެޓީ އާއި އަންހެން ދަރިފުޅު އާތިޔާ ޝެޓީ އަދި ދަނބިދަރި ކްރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލް ފިލްމު ބަލަން ހޯލަށް ވަނުމުން، ސުނިލް މަޑުކުރީ ބޭރުގައެވެ. އޭނާ ބުނި ގޮތުގައި އާއިލާ މީހުން ފިލްމު ބަލަން ތިބި ތިން ގަޑިއިރާއި ބައި ހޭދަކުރީ ތިއޭޓަރު ބޭރުގައި މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުމުގައެވެ.
ސުނިލް ބުނީ އޭނާގެ އަންހެނުންނަށް ފިލްމު ވަރަށް ކަމުދިޔަ ކަމަށެވެ. އަދި އޭނާ ކަނޑައެޅި އަމާޒަށް ފިލްމު ވާސިލްވުމުން، އަހާން އާއި ސަނީ ޑިއޯލް އަދި ވަރުން ދަވަން ފަދަ ތަރިންނާއެކު ފިލްމު ބަލަން ދާނެ ކަމަށް އޭނާ ބުންޏެވެ. "ބޯޑާ 2" އަކީ 1997 ވަނަ އަހަރު ނުކުތް މަޝްހޫރު ފިލްމު "ބޯޑާ" ގެ ދެވަނަ ބައެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
