ޒުވާންކަންމަތީ ގިނަ ދުވަހު ހުރުމަކީ ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ. ނަމަވެސް، މިކަން ހާސިލުކުރުމަށް އަގުބޮޑު ފަރުވާތަކަށްވުރެ މުހިންމީ ދިރިއުޅުމުގެ އާދަތަކެވެ. ސިއްހީ މާހިރުންނާއި ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، އާދައިގެ ކަންކަމަށް ސަމާލުކަން ދީގެން މޫނުމަތީގެ ތާޒާކަން ދަމަހައްޓައި، އުމުރުން ދުވަސްވުމުގެ އަލާމާތްތައް ލަސްކޮށްލެވިދާނެއެވެ.

ދުނިޔޭގެ މަޝްހޫރު "ސްކިން ކެންސަ ފައުންޑޭޝަން" އިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ހަންގަނޑު މުސްކުޅިވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރެއިން 90 ޕަސަންޓު ހިއްސާ ކުރަނީ އިރުގެ ނުރައްކާތެރި ދޯދިތަކެވެ.

ނިއުޔޯކުގެ މައުންޓް ސައިނައި ހޮސްޕިޓަލުގެ ޑާމަޓޮލޮޖިސްޓެއް ކަމަށްވާ ޑރ. ޖޯޝުއާ ޒައިކްނާ ވިދާޅުވެފައިވަނީ، "ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ސަންސްކްރީން ނޫން މޮޅު ފަރުވާއެއް ނެތް" ކަމަށެވެ. އޭނާ ލަފާދެއްވަނީ ކޮންމެ ދުވަހަކު ވެސް ގެއިން ނުކުތުމުގެ ކުރިން ސަންސްކްރީން ބޭނުން ކުރުމަށެވެ.

ކެއުމުގެ އާދަތަކަށް ބަލާއިރު، "އެމެރިކަން އެކަޑަމީ އޮފް ޑާމަޓޮލޮޖީ" އިން ބުނާ ގޮތުގައި ހަކުރު ގިނައިން ބޭނުންކުރުމަކީ ހަންގަނޑު އަވަހަށް މުސްކުޅިވާ ކަމެކެވެ. އެ އިދާރާގެ ދިރާސާތަކުން ދައްކާ ގޮތުގައި ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުން، ހަށިގަނޑުގައި އުފެދޭ މާއްދާއަކުން ހަންގަނޑުގެ "ކޮލަޖެން" ހަލާކުކޮށްލައެވެ. މިއީ ހަންގަނޑު ކުރަކިވެ، ރޫޖެހުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބު ކަމަށް ދިރާސާވެރިން ބުނެއެވެ.

ނިދުމާ ގުޅޭގޮތުން "ޔުނިވާސިޓީ ހޮސްޕިޓަލްސް ކޭސް މެޑިކަލް ސެންޓަރު" އިން ހަދާފައިވާ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ނިދި މަދު މީހުންގެ ހަންގަނޑު މާ އަވަހަށް މުސްކުޅިވެއެވެ. މި ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. އެލްމާ ބެރޮން ވިދާޅުވީ، "ހަމައަށް ނިދި ނުލިބޭ މީހުންގެ ހަންގަނޑުން މުސްކުޅިވުމުގެ އަލާމާތްތައް ފެންނަލެއް އަވަސްވެފައި، އަވިން ލިބޭ ގެއްލުންތަކުން ސަލާމަތްވުމުގެ ބާރު އެމީހުންގެ ކިބައިގައި ދަށް" ކަމަށެވެ.

މާހިރުންގެ ލަފަޔަކީ ޒުވާންކަން ދަމަހައްޓަން ބޭނުންނަމަ، އަގުބޮޑު ކްރީމްތަކަށް ހަރަދުކުރުމުގެ ބަދަލުގައި، ގަވާއިދުން ސަންސްކްރީން ބޭނުންކުރުމާއެކު، ހަކުރު މަދުކޮށް، ރަނގަޅަށް ނިދުމެވެ. މި އާދަތަކުގައި ހިފަހައްޓައިފިނަމަ، ހަންގަނޑުގެ ޒުވާންކަން ގިނަ ދުވަހު ދެމިހުންނާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.