ޗެޓްޖީޕީޓީއަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ މަގުބޫލު ވަސީލަތެކެވެ. ނަމަވެސް މިއީ ރަސްމީ ބޮޑެތި މަސައްކަތްތަކަށް އެންމެ ރައްކާތެރި ތަނެއް ނޫން ކަމަށް ޖަރުމަނުގެ ޕްރޮފެސަރަކު ބުނެފިއެވެ. އޭނާ މިހެން ބުނީ ކޮމްޕިއުޓަރުގެ މައުސް އިން އެންމެ ފިތަކަށް އޮއްބާލުމާއެކު، އެ ޕްލެޓްފޯމުގައި ރައްކާކޮށްފައި ހުރި ދެ އަހަރު ދުވަހުގެ މުހިންމު އިލްމީ މަސައްކަތްތަކެއް ގެއްލުމާ ގުޅިގެންނެވެ.

ޖަރުމަނުގެ ކޮލޯން ޔުނިވާސިޓީގެ ޕްލާންޓް ސައިންސަސް ޕްރޮފެސަރެއް ކަމަށްވާ މާސެލް ބުޗާ އަކީ ޗެޓްޖީޕީޓީ ތައާރަފުވީއްސުރެ އޭގެ ބޭނުން ހިފަމުން އައި މީހެކެވެ. ކޯސްތަކުގެ މައުލޫމާތު ތައްޔާރުކުރުމަށާއި، ގްރާންޓް އެޕްލިކޭޝަންތައް ހެދުމަށާއި އަދި އިމްތިހާނު ކަރުދާސްތައް ތައްޔާރުކުރުމަށް އޭނާ ބަރޯސާވީ ޗެޓްޖީޕީޓީގެ "ޕްލަސް" ސަބްސްކްރިޕްޝަނަށެވެ. އޭނާ ގަބޫލުކޮށްގެން ހުރީ ކުރީގެ ޑްރާފްޓްތަކާއި މައުލޫމާތުތައް އެތަނުގައި ރައްކާތެރިކަމާއެކު ހުންނާނެ ކަމަށެވެ. ނަމަވެސް، އޭނާގެ ޑޭޓާ އޯޕަންއޭއައި އަށް ނުދީ ޗެޓްޖީޕީޓީ ބޭނުންކުރެވޭތޯ ބެލުމަށްޓަކައި، "ޑޭޓާ ކޮންސެންޓް" ނުވަތަ މައުލޫމާތު ހިއްސާކުރުމުގެ އޮޕްޝަން ނިއްވާލުމާއެކު ލިބުނީ ބޮޑު ސިހުމެކެވެ.

އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި، އެތަނުގައި ހުރި ހުރިހާ ޗެޓްތަކާއި ޕްރޮޖެކްޓް ފޯލްޑާތައް ވަގުތުން ފޮހެވިގެން ދިޔައީއެވެ. ދެ އަހަރު ދުވަހުގެ ބުރަ މަސައްކަތް ގެއްލި، ފެންނަން ހުރީ ހުސް ގަނޑެއް އެކަންޏެވެ.

މި ހާދިސާއާ ގުޅިގެން މަޝްހޫރު ސައިންސް ޖާނަލް "ނޭޗާ" ގައި ލިޔުއްވަމުން ޕްރޮފެސަރު ބުޗާ ބުނެފައިވަނީ، "އެ ވަގުތު އަހަރެންގެ ހުރިހާ ޗެޓްތަކެއް ގެއްލި، ފޯލްޑާތައް ހުސްވި. އަނބުރާ ގެނެވޭނެ ގޮތެއް ނެތް" ކަމަށެވެ. މިކަމާ ގުޅިގެން އޯޕަންއޭއައިގެ ކަސްޓަމާ ސަޕޯޓަށް ގުޅުމުން އެމީހުން ބުނެފައިވަނީ، ފޮހެވުނު ޑޭޓާތައް ދެން އަނބުރާ ނުހޯދޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އޯޕަންއޭއައި އިން ބުނެފައިވަނީ ޗެޓްތައް ފޮހެލުމުގެ ކުރިން އާންމުކޮށް ކަށަވަރުކުރުމަށް މެސެޖެއް އަރާނެ ކަމަށެވެ. ނަމަވެސް އެއްފަހަރު ފޮހެވުމުން، ޕްރައިވެސީ އާއި ގާނޫނީ ސަބަބުތަކަށްޓަކައި އެ މައުލޫމާތު އަލުން ހޯދައި ނުދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ ޓެކްނޮލޮޖީއަށް ބަރޯސާވެގެން މަސައްކަތްކުރާ ފަރާތްތަކަށް އޮތް ބޮޑު ފިލާވަޅެކެވެ. ޗެޓްޖީޕީޓީ ފަދަ ވަސީލަތްތައް ބޭނުންކުރި ނަމަވެސް، މުހިންމު މައުލޫމާތުތައް ވަކިން ރައްކާކޮށްފައި ބެހެއްޓުމުގެ މުހިންމުކަން މި ހާދިސާއިން ހާމަވެގެންދެއެވެ.