އުނގެނުމުގެ މަގަކީ ދިގު އަދި ބުރަ މަސައްކަތެއް ކަމުގައި ވިޔަސް، އެއީ ސުވަރުގެއަށް މަގުފަހިކޮށްދޭ އަޖުރު މަތިވެރި ޖިހާދެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. "ވަށައިޖެހޭ ތައުލީމުގައި އުންމަތް ބިނާކުރުން" މި މައުޟޫއަށް ހާއްސަކޮށްގެން ދިން ހުތުބާގައި ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ދަރިވަރުންނަށާއި ބެލެނިވެރިންނަށް މުހިންމު ނަސޭހަތްތަކެއް ދީފައެވެ.

ހުތުބާގައި ފާހަގަކުރި ގޮތުގައި އިސްލާމްދީނުގައި ތައުލީމު ހާސިލުކުރުމަކީ ހަމައެކަނި ދުނިޔޭގެ ވަޒީފާއަކަށް ތައްޔާރުވުމެއް ނޫނެވެ. އޭގެ ބަދަލުގައި ތައުލީމާއި ތަރުބިޔަތު ވާންޖެހޭނީ ކުދިންގެ ބުއްދިއާއި އަހުލާގު ރަނގަޅުކޮށް، ސޯލިހު އިންސާނެއް ބިނާކުރުމަށް ދެވޭ ވަށައިޖެހޭ ތައުލީމަކަށް ކަމަށް ހުތުބާގައި ބުންޏެވެ. އަދި ދަރިވަރުން ސްކޫލަށް ދަނީ މުޅި ގައުމުގެ މުސްތަގުބަލު ކޮނޑުގައި އުފުލައިގެން ކަމަށާއި، މުދައްރިސުންނަށް އިހުތިރާމު ކުރުމަށް ދަރިވަރުންނަށް ގޮވާލިއެވެ.

މުދައްރިސުންނާ މުހާތަބުކޮށް ހުތުބާގައި ބުނީ، މުދައްރިސުންނަކީ އިލްމު އުނގަންނައިދިނުމުގެ މަތިވެރި ވަޒީފާގައި ތިބި މީހުން ކަމަށެވެ. އެހެންކަމުން ކޮންމެ މާއްދާއެއް ކިޔަވައިދިން ނަމަވެސް، އިސްލާމްދީނުގެ އަސްލުތަކާއި އެއްގޮތަށް ކިޔަވައިދިނުމަށާއި، ދަރިވަރުންގެ ހިތްތަކުގައި އީމާންކަމާއި ރަނގަޅު އަހުލާގު އަށަގެންނެވުމަށް މުދައްރިސުންނަށް އިލްތިމާސްކުރިއެވެ.

ބެލެނިވެރިންގެ ޒިންމާއާ ގުޅޭގޮތުން ހުތުބާގައި ބުނީ، ދަރިން ސްކޫލަށް ފޮނުވާލުމުން ބެލެނިވެރިޔާގެ ޒިންމާ ނިމުނީ ނޫން ކަމަށެވެ. ދަރިންނަށް ބޭނުންވާ މާއްދީ ތަކެތި ހޯދައިދިނުމުގެ އިތުރުން، އެކުދިންނަށް ނަފްސާނީ ގޮތުން ހިތްވަރުދީ، މުޖުތަމައުގެ ނުރަނގަޅު ކަންކަމުން ދަރިން ރައްކާތެރިކުރުމަށް ބެލެނިވެރިން ސަމާލުވާންޖެހޭނެ ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

މީގެ އިތުރުން، ތައުލީމީ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން، މަންހަޖުތައް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ބައްޓަންކުރުމަށް ވެސް ހުތުބާގައި ގޮވާލިއެވެ. އަދި އުނގެނުމުގެ މައިގަނޑު ބޭނުމަކީ ހަމައެކަނި އިމްތިހާނަކުން ފާސްވުން ނޫން ކަމަށާއި، އެއީ ޖާހިލުކަމުގެ އަނދިރިކަމުން މީހާ ސަލާމަތްކޮށް ހައްގާއި ބާތިލު ވަކިކޮށްދޭ ނޫރެއްކަން ހުތުބާގައި ހަނދާންކޮށްދިނެވެ.