ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ޝާއިއުކުރާ އެންމެ ބޮޑު ފޮތް ކަމަށްވާ "އިނގިރޭސި-ދިވެހި ބަސްފޮތް" ލިޔުއްވައި، އެ ފޮތް ޗާޕުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ލިޔުއްވި މި ފޮތަކީ އެމަނިކުފާނު އަށް އަހަރު ދުވަހު ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ނަތީޖާއެވެ.
މިއީ ދުނިޔޭގެ މަޝްހޫރު އޮކްސްފަޑް ޑިކްޝަނަރީގެ ދެބައިކުޅަ އެއްބައި ތަރުޖަމާކޮށް އެކުލަވާލާފައިވާ ފޮތެކެވެ. މި ފޮތުގައި ގާތްގަނޑަކަށް 120،000 އިނގިރޭސި ލަފުޒުގެ މާނަ ހިމެނޭއިރު، ފޮތުގެ ބޯމިނުގައި 2،000 ސަފުހާ ހުރެއެވެ. މިއީ އިނގިރޭސި ބަސް ކިޔަވާ ކުދިންނަށާއި އާންމުކޮށް ބަސް ބޭނުންކުރާ ފަރާތްތަކަށް ވަރަށް މުހިންމު އެހީތެރިއަކަށް ވެގެންދާނެ ފޮތެކެވެ.
މި ބިޔަ މަސައްކަތް ނިންމުމަށްޓަކައި ޑރ. ހަސަން ވަނީ ހަ އަހަރު ވަންދެން، ކޮންމެ ދުވަހަކު ހެނދުނު އިރުއަރާ ވަގުތުން ފެށިގެން އިރުއޮއްސެންދެން ހުސްވެ ހުންނަވައިގެން މަސައްކަތް ކުރައްވާފައެވެ. ފޮތުގެ ލިޔުމާއި، ޓައިޕްކުރުމާއި އަދި ލޭއައުޓް ހެދުމުގެ މަސައްކަތް ވެސް ކުރެއްވީ އެމަނިކުފާނު އަމިއްލަފުޅަށެވެ. ޑރ. ހަސަން ސިފަކުރައްވާ ގޮތުގައި މިއީ ދެތިން ޕީއެޗްޑީ ހެދުމަށްވުރެ ވެސް ބުރަ، އަދި އިލްމީ ގޮތުން ބަރު މަސައްކަތެކެވެ.
A very useful work for all the Maldivians... this task took about 8 years, of which 6 years was 7 am to 9 pm — الحمد لله pic.twitter.com/qlc0N8fD5Y
— Hassan Hameed (@hsn_hameed) January 29, 2026
މި މަސައްކަތާ ގުޅޭގޮތުން ޑރ. ހަސަން ވިދާޅުވިއެވެ. "މިއީ ދިވެހި ގައުމަށް މިހާރު ކޮންމެހެން ބޭނުންވާ ފޮތެއް. ރައްޔިތުން ބޭނުންވާ މިންވަރު އެނގޭތީ، އެކަމުން ހިތްވަރު ލިބިގެން އަނެއް 25 އަކުރު ނިންމަން މަސައްކަތްކުރީ."
ފޮތް އެކުލަވާލުމުގައި ޑރ. ހަސަން އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ކިޔާ މީހާއަށް ފަސޭހައިން ފަހުމްވާނެ ގޮތަށެވެ. އެގޮތުން ލަފުޒުތަކުގެ ރަސްމީ މާނައިގެ އިތުރުން، ވަށްބަހާއި މަޖާޒީ މާނަތައް ވެސް މިސާލާއެކު ހިމަނުއްވާފައިވެއެވެ. އަދި ލަފުޒު ކިޔާނެ ގޮތާއި، ޒަމާނާއެކު ލަފުޒަށް އަންނަ ބަދަލުތައް ވެސް މި ފޮތުން ފެންނަން ހުންނާނެއެވެ.
މިހާރު ޗާޕުކުރަމުންދާ މި ފޮތް ރޯދަ މަހުގެ ތެރޭގައި މާލެ ގެނެވޭނެ ކަމަށް ލަފާކުރެވެއެވެ. އަދި އާންމުންނަށް މި ފޮތް ލިބޭވަރު ވާނީ ރޯދަ މަހަށްފަހުގައި ކަމަށް ޑރ. ހަސަން މައުލޫމާތު ދެއްވައެވެ.
