މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ގިރާވަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރެއްވި މެސެޖެއްގައެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ ބިން ހިއްކުމަށް ރާއްޖެ ގެނެސްފައިވާ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ "އޮރަންޖީ" ޑްރެޖަރު ބޭނުންކޮށްގެންނެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ ބިޔަ އުޅަނދަކަށްވާތީ، މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމޭނީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ތަފްސީލަށް ބަލާއިރު، ގިރާވަރު ފަޅުން ޖުމްލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ކުރެވުނު މަސައްކަތްތަކުން އެ ފަޅުގެ 56 ހެކްޓަރު ހިއްކާފައިވާއިރު، މިއަދު ފެށުނު މަސައްކަތުގެ ދަށުން އިތުރު 113 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އީއައިއޭ ރިޕޯޓުގައިވާ ގޮތުން ދެން ހިއްކުމަށް ހަމަޖެހިފައިވަނީ ފަޅުގެ ނިސްބަތުން އެންމެ ފުން ސަރަހައްދުތަކެވެ.
Started reclamation of Giraavaru this morning: pic.twitter.com/bsud0ehsqu
— Dr Mohamed Muizzu (@MMuizzu) January 30, 2026
މި މަޝްރޫއު އަލުން ފެށުމާ ގުޅިގެން، ގިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ސަރުކާރުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އާ ޕްލޭނުގެ ދަށުން އެތަނުން ޖުމްލަ 4072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ 1250 އަކަފޫޓާއި 2450 އަކަފޫޓާ ދެމެދުގެ ގޯތިތަކެވެ. މި ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ފަޅުން ކުރިން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލުން ބޭއްވުމަށް ވެސް މިހާރު ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ބުނެފައިވަނީ މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދިޔުމުގެ ބޭނުމަކީ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ވީހާވެސް އަވަސް ހައްލެއް ހޯދައިދިނުން ކަމަށެވެ.
