މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ދޭ ގެސްޓްހައުސް އެވޯޑު މި އަހަރު ވެސް ބާއްވަން ނިންމައި، އެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. އެ ބޭންކުން ހާމަކުރި ގޮތުގައި މި އެވޯޑު ދިނުމުގެ ހަފުލާ އޮންނާނީ އަންނަ އޮކްޓޯބަރު މަހު ބާއްވާ ގެސްޓްހައުސް ސިމްޕޯސިއަމްއާ އެކުގައެވެ.

ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނުން އެންޑޯޒްކޮށްފައިވާ މި އެވޯޑުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ކްރޯ މޯލްޑިވްސްއާއެވެ. އެމްއައިބީން މައުލޫމާތު ދޭ ގޮތުގައި މި ފަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެއެވެ.

މި އެވޯޑުގައި ގެސްޓްހައުސްތަކަށް ހާއްސަ ގިނަ ދާއިރާތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ސާވިސް އެކްސެލެންސް އެންޑް ހޮސްޕިޓަލިޓީ އެވޯޑާއި، އޮތެންޓިކް މޯލްޑިވިއަން އެކްސްޕީރިއަންސް އެވޯޑު އަދި އައިލެންޑް އެކްސްކާޝަންސް އެވޯޑު ހިމެނެއެވެ. މީގެ އިތުރުން ކެއިންބުއިމުގެ ދާއިރާއިންނާއި، މުޖުތަމައުއަށް ފައިދާހުރި މަސައްކަތްކުރާ ތަންތަނަށާއި ތިމާވެއްޓާ ރައްޓެހި ތަންތަނަށް ވެސް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެކަނި ގެސްޓްހައުސްތަކުގެ އިތުރުން، މި ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ވެސް އެވޯޑުތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ޓެލެންޓް އެންޑް ކަލްޗާ ޗެމްޕިއަން އެވޯޑާއި، ގެސްޓް އެކްސްޕީރިއަންސް ޗެމްޕިއަން އެވޯޑުގެ އިތުރުން ފާހަގަކޮށްލެވޭ ޑައިވް ލީޑަރުންނަށް ދޭ އެވޯޑު ހިމެނެއެވެ.

މި ފަހަރުގެ އެވޯޑުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ގެސްޓްހައުސް ވިޔަފާރި ތަރައްގީކޮށް ފުޅާކުރުމަށް އެހީތެރިވެދޭ ރަށްރަށުގެ ތެރެއިން ފާހަގަކޮށްލެވޭ ރަށަކަށް ވެސް ހާއްސަ އެވޯޑެއް ދިނުމަށް ނިންމާފައިވުމެވެ. މިއީ ރަށު ފެންވަރުގައި ޓޫރިޒަމް ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.