މޫނުގެ ތާޒާކަމާއި އުޖާލާކަން ދެމެހެއްޓުމަށްޓަކައި ގިނަ ބަޔަކު އަގުބޮޑު ކްރީމްތަކާއި ފަރުވާތަކަށް ބޮޑެތި ހަރަދުތައް ކުރެއެވެ. ނަމަވެސް، މޫނުގެ ރީތިކަން ގެއްލި، ހަންގަނޑު މުސްކުޅިވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ނިދި މަދުވުން ކަމަށް ސައިންސްގެ ހޯދުންތަކުން ދައްކައެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި މިކަމުގެ ހައްލަކީ އެއްވެސް ހަރަދެއް ނުކޮށް ލިބެން އޮތް ފަސޭހަ ކަމެކެވެ. އެއީ ހަމައަށް ނިދުމެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ "ޔުނިވާސިޓީ ހޮސްޕިޓަލްސް ކޭސް މެޑިކަލް ސެންޓަރު" އިން ވަނީ ފުޅާ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ރޭގަނޑުގެ ނިދި ހަމައަށް ނުލިބޭ މީހުންގެ މޫނުމަތިން މުސްކުޅިވުމުގެ އަލާމާތްތައް ފެންނަލެއް އަވަސްކަމަށް ވަނީ ދައްކާފައެވެ. މި ދިރާސާއިން ހާމަވި ގޮތުގައި ނިދި މަދުވުމުން ހަށިގަނޑުގައި "ކޯޓިޒޯލް" ނަމަކަށް ކިޔާ ސްޓްރެސް ހޯމޯން އިތުރުވެ، ހަންގަނޑު އޮމާންކޮށް ބަހައްޓައިދޭ "ކޮލަޖެން" ހަލާކުކޮށްލައެވެ.

 މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. އެލްމާ ބެރޮން ވިދާޅުވެފައިވަނީ، "އަހަރެމެންގެ ހޯދުންތަކުން ވަރަށް ސާފުކޮށް އެނގުނީ ނިދި މަދުވުމާއި ހަންގަނޑު މުސްކުޅިވުމާ ސީދާ ގުޅުމެއް ވާކަން" ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރަނގަޅަށް ނިދާ މީހުންގެ ހަންގަނޑަށް، އިރުގެ އަވިންނާއި މާހައުލުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ގާބިލުކަން ލިބިގެންވެއެވެ.

ނިދި މަދު މީހުންގެ ހަންގަނޑު ހުންނަނީ ނާޒުކުކޮށް ކަމަށާއި، އޭގެ ސަބަބުން މޫނުގެ އުޖާލާކަން ގެއްލި ކުރަކިވާ ގޮތްވެއެވެ.

މީގެ އިތުރުން ނިއުޔޯކުގެ ޑާމަޓޮލޮޖިސްޓެއް ކަމަށްވާ ޑރ. ވިޓްނީ ބޯވް ވިދާޅުވާ ގޮތުގައި ހަމައެކަނި އެއް ރޭ ނުނިދާ ހުއްޓަސް އޭގެ އަސަރު މޫނުން ފެންނާނެއެވެ. "ނިދާ ގަޑިއަކީ ހަށިގަނޑުގެ މަރާމާތު މަސައްކަތް ހިނގާ ވަގުތު. އެ ވަގުތު ނުލިބޭނަމަ ލޮލުގެ ކައިރި ކަޅުވެ، މޫނު މަތި ފޮއްސިވެ، ކުލަ ފަނޑުވޭ،" ޑރ. ވިޓްނީ ވިދާޅުވިއެވެ.

މާހިރުންގެ ލަފަޔަކީ މޫނުގެ ތާޒާކަން ދަމަހައްޓަން ބޭނުންނަމަ، ކޮންމެ ރެއަކު ވެސް 7 ގަޑިއިރާއި 9 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ނިދުމެވެ. މިއީ އެންމެ ފަސޭހައިން އަދި ހިލޭ ކުރެވެން އޮތް "ބިއުޓީ ޓްރީޓްމަންޓް" ކަމަށް ޑޮކްޓަރުން ސިފަކުރެއެވެ.