ބ. އޭދަފުށީގައި ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހަކު، ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ. މި މައްސަލައާ ގުޅިގެން ޕިކަޕު ދުއްވަން އިން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ އަބޫބަކުރު އަބްދުﷲ (އޭދަފުށީ، ސީސަންގޭ) އެވެ. އޭނާ މަރުވީ މާލެ ގެނެސް، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އެކްސިޑެންޓް ހިނގި ދުވަހުން ފެށިގެން އޭނާއަށް ދިޔައީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާގެ ހާލު ރަނގަޅުވެފައެއް ނުވެއެވެ. މަރުހޫމްގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސުރު ނަމާދަށް ފަހުގައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އެގޮތުން އެކްސިޑެންޓް ހިނގިއިރު ޕިކަޕު ދުއްވަން އިން ޑްރައިވަަރު މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައެވެ. މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވަމުން އަންނައިރު، ދުއްވާ އެއްޗެހި ދުއްވުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.