ކުޑަކުދިންނަށް ހަމައަށް ނިދި ނުލިބުމަކީ އެކުދިންގެ ސިކުނޑީގެ ހެދިބޮޑުވުމަށް ދާއިމީ ގެއްލުންތަކެއް ލިބި، ސިކުނޑީގެ މަސައްކަތްތައް މުސްކުޅި މީހަކާ އެއްފަދައިން ލަސްވެގެންދާ ކަމެއް ކަމަށް ސައިންސްވެރިން އިންޒާރު ދީފިއެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ "ޔުނިވާސިޓީ އޮފް މެރީލޭންޑް ސްކޫލް އޮފް މެޑިސިން" އިން ވަނީ ވަރަށް ފަހުން ބޮޑު ދިރާސާއެއް ކޮށްފައެވެ. އުމުރުން 6 އަހަރާއި 12 އަހަރާ ދެމެދުގެ 8،300 އަށްވުރެ ގިނަ ކުދިން ބައިވެރިކޮށްގެން ހެދި މި ދިރާސާއިން ދެއްކި ގޮތުގައި، ރެއަކާ ދުވާލު 9 ގަޑިއިރަށްވުރެ މަދުން ނިދާ ކުދިންގެ ސިކުނޑީގެ "ގްރޭ މެޓާ" ނުވަތަ ސިކުނޑީގެ މުހިންމު ސަރަހައްދުތަކުގެ ބޮޑުމިން، ހަމައަށް ނިދާ ކުދިންނަށްވުރެ ކުޑައެވެ.
މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރު ޒީ ވޯންގް ވިދާޅުވެފައިވަނީ، ނިދި މަދުވުމުން ސިކުނޑިއަށް ލިބޭ ގެއްލުން ދާއިމީ ވެދާނެ ކަމަށެވެ.
"އަހަރެމެންނަށް ފާހަގަކުރެވުނީ ހަމައަށް ނުނިދާ ކުދިންގެ ސިކުނޑީގެ، ހަނދާން ކުރުމާއި، ވިސްނުމާއި އަދި ޖަޒުބާތުތައް ކޮންޓްރޯލް ކުރުމާ ގުޅިފައިވާ ބައިތައް (ހިޕޯކެމްޕަސް އަދި ކޯޓެކްސް) ހުންނަނީ އެ އުމުރުގެ ކުދިންނަށް ވާންޖެހޭ ވަރަށްވުރެ ކުޑަކޮށްކަން. މިއީ ސިކުނޑި މުސްކުޅިވުމުން ނުވަތަ އުމުރުން ދުވަސްވުމުން ސިކުނޑިއަށް އަންނަ ބަދަލުތަކާ އެއްގޮތް ކަމެއް،" ޕްރޮފެސަރު ވޯންގް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ "ޔުނިވާސިޓީ ކޮލެޖް ލަންޑަން" (ޔޫސީއެލް) އިން ކުރިން ކޮށްފައިވާ ދިރާސާއެއްގައި ވެސް ވަނީ މިކަމަށް ބާރުދީފައެވެ. އެ ދިރާސާގައި ބުނެފައިވަނީ ގަވާއިދުން ވަކި ގަޑިއެއްގައި ނިދުމުގެ އާދަ ނެތް ކުދިންގެ ސިކުނޑީގެ ގާބިލުކަން (ކޮގްނިޓިވް ޕާފޯމަންސް) ހުންނަނީ އެ ކުދިންގެ އުމުރަށްވުރެ މާ ފަހަތުގައެވެ. އަދި ހިސާބު ހެދުމާއި ކިޔުމުގެ ހުނަރުގައި މިކުދިންނަށް އުނދަގޫތަކާ ކުރިމަތިވެއެވެ.
"އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް" ގެ މާހިރުން ލަފާދެއްވާ ގޮތުގައި ސްކޫލަށްދާ އުމުރުގެ ކުދިން ރޭގަނޑު މަދުވެގެން 9 ގަޑިއިރާއި 12 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ނިދަންޖެހެއެވެ.
"ނިދާ ވަގުތަކީ ސިކުނޑި އަމިއްލައަށް މަރާމާތުވެ، ދުވާލު ދަސްކުރި މައުލޫމާތުތައް ރައްކާކުރާ ވަގުތު. އެ ވަގުތު ނުލިބޭނަމަ، ކުއްޖާގެ ވިސްނުން ކޮށިވެ، ކަންކަމަށް ސަމާލުކަން ދިނުމަށް ދަތިވޭ،" ކަމަށް ކުޑަކުދިންގެ ޑޮކްޓަރުން ފާހަގަކުރައްވައެވެ.
