ދިވެހި އަދަބީބަސްތަކުގެ ތެރެއިން ހާކަނޑުގައި ލަބަރިތެޅުމޭ ބުނެ އުޅޭ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ މުސްކުޅި ބުނުމެކެވެ. މި ބަހަކީ މިޒަމާނުގައި އާއްމުކޮށް އާދަވެ ބޭނުންކޮށް އުޅޭ ބަހެއް ކަމުގައި ނުވިނަމަވެސް މިއީ ހާލަތާއި ގުޅުވައިގެން ބޭނުންކުރަން މުނާސަބު ބަހެކެވެ.
މި ބަސް ބޭނުން ކުރެވޭ މައިގަނޑު ދެ ހާލަތެއް އޮވެއެވެ. އެއީ މަސްއައިނެއްގެ އެއްވެސް އަލާމާތެއް ނުފެންނަނީސް ކަނޑަށް އެން އުކަމުން ދުއްވަމުންދާ ހާލަތެވެ. ދެވަނަ ހާލަތަކީ ކަމެއްކުރާނެ ގޮތެއް ފެނި ނެތީސް އެ ކަމެއް ކުރާން އުޅޭ ހާލަތެވެ.
މި ބަސް އުފެދިގެން އައިސްފައިވަނީ މިދެންނެވި ފުރަތަމަ ހާލަތާއި ގުޅުވައިގެންނެވެ. މަސްއައިނެއްގެ އެއްވެސް އަލާމާތެއް ނުފެންނަނީސް ކަނޑަށް އެން އުކަމުން ދުއްވަމުންދާ ދިއުމަށެވެ. މަސް އައިނެއް ނެތި ކަނޑަށް ކިތައްމެ އެމެއް އުކިޔަސް ތިލަވާނެ މަހެއް ނޯންނާނެއެވެ. ފުރަތަމަވެސް މަސްވެރިން ކުރާނެ ކަމަކީ މަސް އައިން ހޯދުމެވެ. މާނައަކީ މަސްބޭނެން އޮތް ގޮތަކީ މަސް އައިނެއް ހޯދައިގެން ކަމުގައި ވުމެވެ.
މިއީ މުސްކުޅި ބަހެއް ކަމުގައި ވިޔަސް އަދުގެ ކިޔަވާކުދިންނާއި އާއްމުވެސް މިއީ ބޭނުން ކުރުން ހަމަ ރަނގަޅު ބަހެކެވެ. މިސާލަކަށް މާލޭގައި ހިނގަން ނޭނގި، ވަކި ތަނަކަަށް ދާން ނުކުމެ އެގޯޅިން މިގޯޅިން އުޅޭ މީހަކާ ދިމާލަށް، ހާގަނޑުގައި ލަބަރި ތަޅަނީހޭ ބުނެވިދާނެއެވެ.
ހަވާލާ: ދިވެހި ރަދީފު
