މީގެ އަށް އަހަރު ކުރިން އިނގިރޭސިވިލާތުގެ ކެންޓްގައި ހިނގި އާދަޔާ ހިލާފު އެކްސިޑެންޓެއްގެ ވީޑިއޯއެއް، ގިނަ ދުވަސްތަކެއް ފަހުން ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގައި އާންމުވެ، މިލިއަނުން މީހުން ބަލަން ފަށައިފިއެވެ.
މި ވީޑިއޯއިން ފެންނަނީ އެއް މޮޑެލްއެއްގެ، އެއް ސައިޒެއްގެ ހަ ފޯޑް ފިއެސްޓާ ކާރު ބަރިބަރިއަށް ޖެހި އެކްސިޑެންޓްވެފައި އޮއްވައެވެ. މިއީ އެއްވެސް ރޭވުމެއް ނެތި، ހަމައެކަނި އިއްތިފާގުން ހިނގާފައިވާ ކަމެއްކަން އެނގުމުން ގިނަ ބަޔަކު ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.
މި ވީޑިއޯ ޓިކްޓޮކަށް އާންމުކޮށްފައިވަނީ އެ އެކްސިޑެންޓުގައި ހިމެނުނު އެއް ކާރު ދުއްވަން އިން ލިއަމް ރޮންޑީއެވެ. އޭނާ ބުނި ގޮތުގައި މިއީ އޭނާގެ ފޯނުގައި ހުރި ބާ ވީޑިއޯތައް ބަލަނިކޮށް، އެކްސިޑެންޓް ހިނގިތާ އަށް އަހަރު ފުރުނު ދުވަހާ ދިމާކޮށް ފެނުނު ވީޑިއޯއެކެވެ.
"ލޮޓަރީއަކުން މޮޅުވުމަށްވުރެ ވެސް، އެއް ކަހަލަ ހަ ފޯޑް ފިއެސްޓާ ކާރު އެކްސިޑެންޓްވެ، މިގޮތަށް ބަރިބަރިއަށް އޮތުމަކީ ނާދިރު ކަމެއް،" ލިއަމް ސަމާސާ ރާގަކަށް ބުންޏެވެ.
މި ވީޑިއޯއަށް މިހާތަނަށް 20 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، 4 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ލައިކް ދީފައެވެ. ވީޑިއޯ ފެނުނު ގިނަ ބަޔަކު ސުވާލުކުރަމުން ދިޔައީ މިއީ ކާރުތައް ދައްކާލުމަށް ބޭއްވި "ކާރު މީޓް" އެއްގެ ތެރެއިން ގަސްތުގައި ރާވައިގެން ކުރި ކަމެއްތޯއެވެ. ނަމަވެސް ލިއަމް ބުނި ގޮތުގައި މިއީ އޭނާ ވަޒީފާއަށް ދަނިކޮށް މަގުމަތީގައި ދިމާވި ހާދިސާއެކެވެ.
"އަހަރެން ދިޔައީ އޮފީހަށް. ކުރިމަތިން ދިޔަ ކާރެއް ކުއްލިއަކަށް އަހަރެމެންގެ ލޭނަށް އެރުމުން ހުރިހާ ކާރެއް ޖެހުނީ. އެ ވަގުތު އެ ލޭނުގައި ދަތުރުކުރި ހުރިހާ ކާރަކީ ފޯޑް ފިއެސްޓާ އަކަށްވީ ހަމަ އިއްތިފާގުން،" ލިއަމް ކިޔައިދިނެވެ.
މި ވީޑިއޯ ވައިރަލްވުމާ ގުޅިގެން ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުން ވަނީ އެކި ކަހަލަ މަޖާ ކޮމެންޓްތައް ކޮށްފައެވެ. ބައެއް މީހުން މިއީ "ފިއެސްޓާ ކޮންވެންޝަނެއް" ކަމަށް ބުނެފައިވާއިރު، އަނެއް ބަޔަކު ވަނީ މިއީ ގަބޫލުކުރަން ދަތި މަންޒަރެއް ކަމަށް ބުނެފައެވެ.
ފޯޑް ފިއެސްޓާ އަކީ 1976 އިން ފެށިގެން 2023 އާ ހަމައަށް އުފައްދަމުން އައި، ގިނަ ބައެއްގެ މެދުގައި މަގުބޫލު ކާރެކެވެ. ނަމަވެސް އިލެކްޓްރިކް އުޅަނދުތަކަށް ކުންފުނިން އިސްކަންދޭން ފެށުމާއެކު މިހާރު މި މޮޑެލް އުފެއްދުން ވަނީ ހުއްޓާލާފައެވެ.
ލިއަމް ބުނި ގޮތުގައި އޭނާގެ މި ވީޑިއޯއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާ ބޮޑު ތަރުހީބެއް ލިބިދާނެ ކަމަކަށް އޭނާ ކުޑަކޮށްވެސް އުންމީދެއް ނުކުރެއެވެ. އަދި މި ވީޑިއޯގެ ސަބަބުން ގިނަ ބަޔަކަށް ހިނިތުންވުމެއް ގެނެސްދެވުނީތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ.
