އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަގު ދަރިކަލުން، ބެރޮން ޓްރަމްޕް (19 އ) އޭނާގެ އަންހެން އެކުވެރިއަކަށް ލިބެމުންދިޔަ އަނިޔާތަކަކުން އޭނާ ސަލާމަތްކޮށްދިނުމުން ގިނަ ބައެއްގެ ތައުރީފު އޮއްސާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ. ރިޕޯޓުތައް ބުނާގޮތުން، ބެރޮންގެ އެކުވެރި އަންހެން ކުއްޖާ ބެރޮންއަށް "ފޭސްޓައިމް" ކޯލެއް ކުރި ވަގުތު، އެ ކުއްޖާގެ ލޯބިވެރިޔާ އެ ކުއްޖާއަށް އަނިޔާކުރާތަން ވީޑިއޯ ކޯލުން ބެރޮންއަށް ވަނީ ފެނިފައެވެ.

މި މަންޒަރު ފެނުމާއެކު ބެރޮން ވަނީ ލަސްނުކޮށް އެމެރިކާގައި ހުރެގެން އިނގިރޭސިވިލާތުގެ ފުލުހުންނަށް ގުޅައި، އެކަން ރިޕޯޓުކޮށްފައެވެ. ބެރޮންގެ މި ފޯނު ކޯލާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެގެއަށް ގޮސް، އަނިޔާކުރަމުންދިޔަ މީހާ ހައްޔަރުކޮށްފައެވެ.

ކޯޓުގައި ހެކިބަސް ދެމުން އަނިޔާ ލިބުނު އަންހެން ކުއްޖާ ބުނެފައިވަނީ، ބެރޮންގެ އެ ފޯނު ކޯލަކީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިން ކަމަށެވެ. އަދި އެ ވަގުތު ބެރޮން ފުލުހުންނަށް ނުގުޅިނަމަ އޭނާގެ ފުރާނަޔަށް ނުރައްކާވީސް ކަމަށް ވެސް އެ ކުއްޖާ ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު 22 އަހަރުގެ ފިރިހެން މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ލަންޑަންގެ ކޯޓަކުން މިހާރު ވަނީ ކަނޑައަޅާފައެވެ.