އިންޑޮނޭޝިއާގައި ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ޖަހާ، މީހުންނަށް ދިރޭ ކުކުޅު ދޭން ފަށައިފިއެވެ. މިކަން ކުރަނީ އެ މަސައްކަތުގައި އުޅޭ އިދާރާތަކުންނެވެ. މިގޮތަށް ކުކުޅު ލިބެނީ އުމުރުން ދުވަސްވީ މީހުންނަށެވެ.
މިއީ ސިއަންޖުރް ރެޖެންސީ، ވެސްޓް ޖާވާ ޑިސްޓްރިކްސްގައި އުމުރުން 45 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެެކެވެ. މި ޕްރޮގްރާމް ފެށުމާއެކު އެތައް ބަޔަކު ވެކްސިން ޖެހުމަށް ނުކުމެފައިވާ ކަމަށް އެގައުމުގެ ރިޕޯޓުތައް ބުނެއެވެ.
ފުލުހުން ބުނެފައި ވަނީ، މީގެ ކުރިން އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދިނުމަށް ސަރުކާރުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. ނަމަވެސް މި ހަރަކާތާއެކު އެކު މިހާރު މިކަން ވަރަށް ފަސޭހަކަމާއެކު ވަމުން ދާ ކަމަށްވެސް ވަނީ ބުނެފައެވެ.
ވެކްސިން ޖަހާ މީހުންނަށް ދިރޭ ކުކުޅު ލިބޭ ޕްރޮގްރާމް މިދިޔަ މަސް ތެރޭގައި ވަނީ ފަށާފައެވެ. އެގޮތުން މި ޕްރޮގްރާމް ފެށުމުގެ ކުރިން ވެކްސިން ޖަހަން އަންނަ މީހުން މަދުވެފައި ވީނަމަވެސް، މިހާރު ވެކްސިން ޖެހުމަށް ނުކުންނަ މީހުންގެ އަދަދުތައް ގިނަވެފައިވާކަން ފުލުހުން ފާހަގަކޮށްފައި ވެއެވެ.
