ޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، ހިޔާ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާއެކު، ހުޅުމާލެ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
މި ހާދިސާއާ ގުޅިގެން އެ ޓަވަރުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރިކަމާއެކު އިމާރާތުން ބޭރަށް ނުކުތުމަށް ވަނީ އިރުޝާދު ދީފައެވެ. އެގޮތުން ލިފްޓް ބޭނުންކުރުމުގެ ބަދަލުގައި، ސިޑި ބޭނުންކޮށް އެ އިމާރަތް ވަނީ ހުސްކޮށްފައެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ. އެ ސަރަހައްދުގައި ތިބި މީހުން ބުނާގޮތުން މިހާރު އެ އިމާރަތުން ދުން އެރުން ވަނީ ހުއްޓިފައެވެ. ނަމަވެސް ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
