މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026" (އެމްއެމްސީ) ގެ ލޮޖިސްޓިކް ޕާޓްނަރަކަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ހަމަޖައްސައިފިއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން އެވެ. އަދި އެމްއެސްއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އަޙްމަދު ޝަރީފް އެވެ.
މެރިޓައިމް ކޮންފަރެންސްގެ ލޮޖިސްޓިކް ޕާޓްނަރަކަށް، ގައުމީ ޝިޕިންގ ކުންފުނި އެމްއެސްއެސް ހަމަޖެހިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
މިއީ ރާއްޖޭގެ މެރިޓައިމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މުހިންމު ކޮންފަރެންސެކެވެ.
