އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މިއުޒިކް ސްޓްރީމިން ޕްލެޓްފޯމްތަކުން 10 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 154 މިލިއަން ރުފިޔާ) ވަގަށް ނެގި މައްސަލައެއްގައި އެމެރިކާގެ މީހަކު ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ އުފުލައިފިއެވެ. މިއީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން މިއުޒިކް އިންޑަސްޓްރީގައި ހިންގި އެންމެ ބޮޑު އެއް މަކަރު ކަމަށް ބެލެވެއެވެ.
އެމެރިކާގެ ނޯތު ކެރޮލައިނާއަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ މައިކަލް ސްމިތު ނަމަކަށް ކިޔާ މި މީހާ މިކަން ކޮށްފައިވަނީ ވަރަށް ރޭވުންތެރިކަމާ އެކުގައެވެ. ދައުވާ ކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، އޭނާ ވަނީ "ބޮޓް" ބޭނުންކޮށްގެން އެތައް ހާސް ފޭކް އެކައުންޓެއް ހަދައި، އޭއައި އިން އުފައްދާފައިވާ ލަވަތައް 24 ގަޑިއިރު މެދުކެަނޑުމެއް ނެތި ސްޓްރީމް ކޮށްފައެވެ. އޭނާ ތައްޔާރުކޮށްފައިވާ މި ނިޒާމުގެ ތެރެއިން ދުވާލަކު 6 ލައްކައަށް ވުރެ ގިނަ ފޭކް ސްޓްރީމް ޖެނެރޭޓްކޮށް، އަހަރަކު ގާތްގަނޑަކަށް 1.2 މިލިއަން ޑޮލަރު ނަހަމަ ގޮތުގައި ހޯދަމުން ދިޔަ ކަމަށް ތުހުމަތު ކުރެވެއެވެ.
އާންމުކޮށް ސްޓްރީމިން އޮޅުވާލާ މީހުން ހިފަހައްޓަނީ އެއް ލަވައަކަށް ކުއްލިއަކަށް ގިނަ އަދަދެއްގެ ވިއުސް ނުވަތަ ސްޓްރީމްސް ލިބުމުން، ޕްލެޓްފޯމްތަކުގެ ސަމާލުކަމަށް އެކަން އައުމުންނެވެ. ނަމަވެސް ސްމިތު ބޭނުންކުރީ މުޅިން ތަފާތު އުކުޅެކެވެ. އޭނާ އެއް ލަވައަކަށް މިލިއަނުން ވިއުސް ހޯދުމުގެ ބަދަލުގައި، އޭއައި ބޭނުންކޮށްގެން އެތައް ލައްކަ ލަވައެއް އުފެއްދިއެވެ. އަދި އޭނާގެ ބޮޓްތައް ބޭނުންކޮށްގެން މި ހުރިހާ ލަވައަކަށް ވަކިވަކިން ކުޑަ މިންވަރަކަށް ސްޓްރީމްކޮށް، އެއްވެސް ލަވައެއް އާދަޔާ ހިލާފަށް މަޝްހޫރު ނުވާނެހެން ހަދައި، ޕްލެޓްފޯމްތަކަށް ޝައްކު ނުވާނެހެން ފައިސާ ހޯދިއެވެ.
މި މަކަރުގެ ސަބަބުން އަސްލު ފަންނާނުންނަށް ލިބެންޖެހޭ ފައިސާއިން ބޮޑު ބައެއް ވަނީ ގެއްލިފައެވެ. ސަބަބަކީ ސްޕޮޓިފައި ފަދަ ތަންތަނުން ރޯޔަލްޓީ ފައިސާ ދެނީ ލިބޭ އާމްދަނީ އެންމެންނަށް ބަހާލެވޭ "ޕޫލް" އަކުން ކަމަށްވާތީއެވެ. ސްމިތު ނެގި ކޮންމެ ޑޮލަރަކީ ހަގީގީ މިއުޒިކް ކުޅޭ މީހުންނާއި ލަވަކިޔުންތެރިންނަށް ލިބެންޖެހޭ ހައްގެއް ކަމަށް ދައުލަތުގެ ވަކީލުން ފާހަގަކުރެއެވެ.
މި މައްސަލައިގައި ސްމިތުގެ މައްޗަށް ވަނީ މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ. މި ކުށްތައް ސާބިތުވެއްޖެނަމަ އޭނާއަށް 20 އަހަރުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ހަމައެކަނި މިއުޒިކް އިންޑަސްޓްރީއަށް އޮތް ކަންބޮޑުވުމެއް ނޫން ކަމަށާއި، ޔޫޓިއުބް ފަދަ ވިއުސްއަށް ފައިސާ ލިބޭ އެހެން ޕްލެޓްފޯމްތަކުގައި ވެސް އޭއައި ބޭނުންކޮށްގެން މިފަދަ ވައްކަން ކުރުމުގެ ފުރުސަތު އޮތްކަން މިކަމުން ހާމަވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
