ސައުދީ އަރަބިއްޔާގެ މަދީނާއަށް ޒިޔާރަތްކުރާ ގިނަ ބަޔަކު، މަސްޖިދުއް ނަބަވީއަށް ދިއުމަށްފަހު އެންމެ ބޮޑު ޝައުގުވެރިކަމެއް ދޭ އެއް ތަނަކީ މަދީނާގެ ރަށްބޭރުގައި އޮންނަ "ވާދީ އަލް ބައިދާ" އެވެ. ނަމަވެސް ގިނަ މީހުންނަށް މިތަން އެނގެނީ "ވާދީ އަލް ޖިން" ގެ ނަމުންނެވެ. މި ސަރަހައްދުގެ އެންމެ ހައިރާން ކުރުވަނިވި ކަމަކީ، ކާރުގެ އިންޖީނު ނިއްވާލައި "ނިއުޓްރަލް" އަށް ލުމުން ވެސް، އުސްގަނޑަކާ ދިމާލަށް ނުވަތަ މައްޗަށް ކާރު އަމިއްލައަށް ދުވާތީއެވެ.
މި ވާދީގައި ހިނގާ މި އާދަޔާ ހިލާފު ކަންތަކާ ގުޅިގެން މީހުންގެ މެދުގައި ވަރަށް ތަފާތު ވާހަކަތައް ދެކެވެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިތަނުގައި ކާރުތައް ދުވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ޖިންނިންގެ ބާރުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި ގަޑިއަކު 120 ކިލޯމީޓަރުގެ ބާރުމިނުގައި ވެސް ކާރުތައް އަމިއްލައަށް ދުވެފައި އެބަހުއްޓެވެ. ހަމައެކަނި ކާރުތަކެއް ނޫނެވެ. ފެން ފުޅިއެއް ބިންމައްޗަށް އޮއްސާލި ނަމަވެސް، އެ ފެންތައް ތިރިއަށް ފައިބައިގެން ދިއުމުގެ ބަދަލުގައި ދަތުރުކުރަނީ މައްޗަށެވެ.
ނަމަވެސް ސައިންސްވެރިންނާއި ޖިއޮލޮޖިސްޓުން ބުނާ ގޮތުގައި މިއީ ޖިންނިންގެ ކަމެއް ނޫނެވެ. މިއީ "ގްރެވިޓީ ހިލް" ނުވަތަ ބިމުގެ ދަމާބާރާއި ލޮލަށް ފެންނަ މަންޒަރު އޮޅިގެން ދިމާވާ "އޮޕްޓިކަލް އިލިއުޝަން" އެކެވެ. މި ސަރަހައްދުގެ ވަށައިގެންވާ ފަރުބަދަތަކާއި ބިންގަނޑު އުފެދިފައިވާ ގޮތުން، ތިރިއަށް އޮންނަ މަގުތައް ލޮލަށް ސިފަވަނީ އުސްކޮށް، މައްޗަށް އަރައިގެންދާ މަގެއްގެ ގޮތުގައެވެ. އެހެންކަމުން ކާރު "މައްޗަށް" އަރާ ކަމަށް ހީވިޔަސް، ހަގީގަތުގައި ކާރު ފައިބަނީ ތިރިއަށެވެ.
މިފަދަ ތަންތަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރެއެވެ. އުރުދުންއާއި އިންޑިއާގެ ލަދާކްގައި ވެސް މިފަދަ "މެގްނެޓިކް ހިލް" ތައް ހުރެއެވެ. އެހެންނަމަވެސް މަދީނާގައި އޮންނަ މި ވާދީއާ ގުޅިފައިވާ ދީނީ އަދި ސަގާފީ ވާހަކަތަކުގެ ސަބަބުން، މިތަނަށް ލިބިފައިވާ މަޝްހޫރުކަން މާ ބޮޑެވެ.
ކޮންމެއަކަސް، މިތަނުގެ ހަގީގަތަކީ ސައިންސުން ސާބިތުވާ ކަމެއް ކަމުގައި ވިޔަސް، ހައްޖަށާއި އުމްރާއަށް ދާ އެތައް ހާސް ބަޔަކު ކޮންމެ އަހަރަކު ވެސް މި "ޖިންނި ވާދީ" ގެ ތަޖުރިބާ ކުރުމަށް އެތަނަށް ޒިޔާރަތް ކުރެއެވެ.
