އެކުވެރި އަރަބި އިމާރާތުގެ ރަސް އަލް ހައިމާގައި އޮންނަ "ޖަޒީރަތު އަލް ހަމްރާ" އަކީ ދުނިޔޭގެ އެންމެ މަޝްހޫރު "ގޯސްޓް ޓައުން" ނުވަތަ ޖިންނިންގެ ރަށުގެ ގޮތުގައި ބެލެވޭ އެއް ތަނެވެ. މީގެ 50 ވަރަކަށް އަހަރު ކުރިން އެ ރަށުގައި ދިރިއުޅުނު މީހުން އެތަން ދޫކޮށް ދިޔަ ފަހުން، އެ ރަށަކީ ފަޅުވެފައިވާ، އަދި ރޭގަނޑު ވަގުތުތަކުގައި އެރުން ރައްކާތެރި ތަނެއް ނޫން ކަމަށް އެ ސަރަހައްދުގެ މީހުން ގަބޫލުކުރެއެވެ.
މި ރަށަކީ 1830 ގެ އަހަރުތަކުގައި މުތް ނެގުމުގެ މަސައްކަތް ކުރި މުއްސަނދި އަދި ފޯރިގަދަ ރަށެކެވެ. ނަމަވެސް 1968 ވަނަ އަހަރާ ހިސާބަށް އައިއިރު، އެއްވެސް ސަބަބެއް ބަޔާން ކުރުމަކާ ނުލައި އެ ރަށުގެ އެންމެން ކަހަލަ ގޮތަކަށް ރަށް ދޫކޮށް ދިޔައީއެވެ. ބައެއް މީހުން ބުނާ ގޮތުގައި އެމީހުން ދިޔައީ ތެޔޮ ފެނިގެން ޒަމާނީ ދިރިއުޅުމަކަށް ބަދަލުވާށެވެ. ނަމަވެސް އަނެއް ބަޔަކު ގަބޫލުކުރަނީ އެ ރަށުގައި އުޅުނު ޖިންނިންގެ އުނދަގޫ ބޮޑުވެގެން ރަށް ހުސްކުރީ ކަމަށެވެ.
އެ ރަށާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ބަލާއިރު، އިރުއޮއްސުމަށްފަހު އެ ރަށު ތެރެއިން އާދަޔާ ހިލާފު އަޑުތައް އިވުމާއި، ގެތަކުގެ ތެރެއިން އަލި ފެނުން ފަދަ ކަންކަން ހިމެނެއެވެ. އަދި ޖަނަވާރުގެ ސިފައިގައި ޖިންނިން ފެންނަ ކަމަށް ވެސް އެ ސަރަހައްދުގެ މީހުން ކިޔައިއުޅެއެވެ. މި ސަބަބާ ހުރެ، އާންމު ރައްޔިތުން އިރުއޮއްސުމަށްފަހު އެ ރަށަށް ވަނުމަކީ ވަރަށް ބިރުގަންނަ ކަމެކެވެ. އަދި އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ވެސް ރޭގަނޑު އެތަނުގައި ނުތިބުމަށް ނަސޭހަތްތެރިވެއެވެ.
މިހާރު މި ރަށަކީ އޯޕަން އެއާ މިއުޒިއަމްއެއްގެ ގޮތުގައި ބޭއްވިފައިވާ އާސާރީ ތަނެކެވެ. މުރަކަ އާއި ހިލައިން ހަދާފައިވާ ގެތަކާއި މިސްކިތްތައް އަދިވެސް ހުރީ ވީރާވެފައިވާ ގޮތަށެވެ. ހޮލީވުޑްގެ ފިލްމުތަކާއި، ނެޓްފްލިކްސްގެ "6 އަންޑަރގްރައުންޑް" ފަދަ ފިލްމުތައް މި ރަށުގައި ޝޫޓްކޮށްފައިވާއިރު، ފިލްމީ ތަރިން ވެސް ވަނީ އެތަނުގައި ތިބިއިރު ބިރުވެރި އިހުސާސްތަކެއް ކުރެވުނު ކަމަށް ބުނެފައެވެ.
ދުވާލުގެ ވަގުތުތަކުގައި ޓޫރިސްޓުން އެ ރަށުގެ ރީތިކަން ބަލާލަން ދިޔަ ނަމަވެސް، އިރުއޮއްސި އަނދިރިވުމާއެކު ޖަޒީރަތު އަލް ހަމްރާ ބަދަލުވެގެން ދަނީ ހަމަހިމޭން، ނާމާން ތަނަކަށެވެ. އެއީ ހަމައެކަނި ފަޅު ރަށެއް ތޯ ނުވަތަ ޖިންނިންގެ މަރުކަޒެއް ތޯ އެއީ އަދިވެސް ޖަވާބު ނުލިބޭ ސުވާލެކެވެ.
