ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓްތަކުގެ ތެރެއިން 5 ވަނަ ޓަވަރުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ޓަވަރުގެ އެކި އެޕާޓްމަންޓްތަކުގައި ދިރިއުޅޭ 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތު އެ ޓަވަރުގެ 24 ވަނަ ބުރީގެ އެޕާޓްމަންޓެއްގައެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދިން ގޮތުގައި، މި އަލިފާނުގެ ހާދިސާގެ އަސަރު ޖުމްލަ 7 އެޕާޓްމަންޓަކަށް ކޮށްފައިވެއެވެ. މި އެޕާޓްމަންޓްތަކުގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން ހާލުގައި ޖެހުނު މީހުންނަށް ރޭގެ ވަގުތެއްގައި ވަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ. އަލިފާން ރޯވުމާއެކު މުޅި ސަރަހައްދަށް ދުންބޯވެ، އާންމުންގެ މެދުގައި ބިރުވެރިކަން އުފެދުނު ނަމަވެސް، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ އަލިފާންގަނޑު ފެތުރުނަ ނުދީ ކޮންޓްރޯލްކޮށްފައެވެ.
ހިޔާ ޓަވަރު 5 ގައި ރޭގައި ހިނގާ ދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ޓަވަރުގެ 7 އެޕާޓްމަންޓެއްގެ 37 ފަރާތަކަށް މި އޮތޯރިޓީން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ. މި ހާދިސާއަށް ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް… pic.twitter.com/AwloHXOvw7
— NDMA Maldives (@NDMAmv) January 31, 2026
މި ހާދިސާގެ ސަބަބުން އެ ޓަވަރުގެ ނަރުދަމާ ނިޒާމަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ދަނީ ލިބުނު ގެއްލުންތައް ބަލައި، ނަރުދަމާ ނިޒާމު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތައް ގުޅިގެން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ.
މި ކަމާ ގުޅިގެން އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ހިލޭ ގުޅޭ ނަންބަރު 115 އަށް ގުޅުމަށް އެންޑީއެމްއޭއިން އެދެއެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އަލިފާން ރޯވުމާއެކު ގިނަ ބަޔަކު ވަނީ ޓަވަރުން ބޭރަށް ނުކުމެފައެވެ. ނަސީބަކުން މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.
