ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ވާދަވެރި އުރުގުއޭ 1-0 އިން ބަލިކޮށް އާޖެންޓީނާ އިން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޗިލީއާ 1-1 އިން އެއްވަރުވުން އުރުގުއޭ އަތުން މޮޅުވުން ނޫން ނަތީޖާއަކުން ފުއްދާލެވޭކަށް ނެތެވެ. މިއަދުގެ މެޗާއެކު ކޮޕާ އެމެރިކާގައި އުރުގުއޭއާ ދެކޮޅަށް އާޖެންޓީނާ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައެއްނުވެއެވެ. ހަތަރު މެޗުން މޮޅުވިއިރު، އެއް މެޗުން އެއްވަރުވެފައިވެއެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭ ގެ އެއްވަނައިގައި އޮތް އާޖެންޓީނާ އާއި ދެވަނައިގައި އޮތް ޗިލީ އަށް ވެސް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވެއެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ޕެރަގުއޭ އޮތްއިރު، ހަތަރުވަނައިގައި އޮތް އުރުގުއޭ އާއި އެންމެ ފުލުގައި އޮތް ބޮލީވިއާ އަށް ޕޮއިންޓެއްނުލިބެއެވެ.

އެސްޓާޑިއޯ ނެޝިއޮނާލް ޑެ ބްރެސީލިއާގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގީޑޯ ރޮޑްރިގޭޒް އެވެ. މިއީ އެ ޓީމުގެ ރޮޑްރީގޯ ޑެ ޕޯލް ޖައްސާލި ބޯޅައެއް ކެޕްޓަން ލިއޮނަލް މެސީ ގޯލް ކުރިމައްޗަށް ހުރަސްކޮށްލުމުން ރޮޑްރިގޭޒް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި ގްރޫޕުގައި ހިމެނޭ ބޮލީވިއާއާ ދެކޮޅަށް ޗިލީ ކުޅުނު މެޗުން އެ ޓީމު މޮޅުވީ 1-0 އިންނެވެ. މިއީ މި ފަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އެ ޓީމުން މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުގައި ޗިލީ އަށް ލަނޑުޖަހައިދިނީ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި ބެން ބްރެރެޓަން އެވެ. މިއީ އެ ޓީމުގެ ފޯވާޑް އެޑުއާޑޯ ވާގަސް ދިން ބޯޅައަކުން ބްރެރެޓަން ކާމިޔާބުކުރި ގޯލެކެވެ.