ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓު އާންމުކޮށްފައިވާއިރު، އެ ކުންފުނީގެ ވިޔަފާރި ހުރިހާ ދާއިރާއަކުން ވެސް ރަނގަޅުވެ، ޖުމްލަ އާމްދަނީ 4 ބިލިއަން ރުފިޔާއިން މައްޗަށް އަރައިފިއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި މާލީ ގޮތުން މި ހޯދި ކުރިއެރުމަކީ ކުންފުނީގެ ހިންގުން ހަރުދަނާވެ، ވިޔަފާރިތައް ފުޅާވަމުން އަންނަކަމުގެ ހެއްކެކެވެ.

އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 8 ޕަސަންޓުގެ ކުރިއެރުމެކެވެ. މި ކުރިއެރުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ 4 ޕަސަންޓު އިތުރުވުމާއި، އަދި ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ 19 ޕަސަންޓު އިތުރުވުމާ ގުޅިގެންނެވެ.

އާމްދަނީ އިތުރުވުމާއެކު، ކުންފުނީގެ ފައިދާއަށް ވެސް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ. އެގޮތުން ފަހު ކުއާޓަރުގެ ޖުމްލަ ފައިދާ 671 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 11 ޕަސަންޓުގެ ކުރިއެރުމެކެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދުތައް ކުޑަކުރެވުމުގެ ސަބަބުން، ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 20 ޕަސަންޓުގެ ބޮޑު އިތުރުވުމެކެވެ. ޓެކްސްއަށް ކެނޑުމަށްފަހު މި ކުއާޓަރުގެ ސާފު ފައިދާއަކީ 244 މިލިއަން ރުފިޔާއެވެ.

މުޅި އަހަރަށް ބަލާއިރު، 2025 ވަނަ އަހަރު އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 15.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 98 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަހަރުގެ ޖުމްލަ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 762 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 3 ޕަސަންޓުގެ ކުރިއެރުމެކެވެ.

އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުންޏެވެ. އޭގެ ތެރޭގައި ތެލާއި، ބޭހާއި، ކާބޯތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން ސާމާނު އެތެެރެކޮށް ވިއްކުން ހިމެނެއެވެ. ކުންފުނީގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަނީ މި ހުރިހާ ދާއިރާއަކުން ވެސް ލިބޭ އާމްދަނީ އެއްވަރެއްގައި ހިފެހެއްޓި، އިތުރުވަމުންދާތީ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.