ޔޫއޭއީގެ ދުބާއީގައި ކުރިއަށްދިޔަ "އޭއައިއެސް އެތުލެޓިކްސް ޖަމްޕް ފެސްޓިވަލް" ގައި ވާދަކޮށް، ރާއްޖޭގެ ޔޫސުފް ނާއިކް ވަޖީހު ދެ ރަން މެޑަލް ހޯދައި، ހައި ޖަމްޕްގެ ގައުމީ ރެކޯޑު އާކޮށްފިއެވެ.
މި މުބާރާތުގައި ނާއިކް އެއްވަނަ ހޯދައި ރަން މެޑަލް ހާސިލުކޮށްފައިވަނީ ހައި ޖަމްޕް އިވެންޓާއި ލޯންގް ޖަމްޕް އިވެންޓުންނެވެ. ދުބާއީގެ މަޝްހޫރު ޓްރެކް އެންޑް ފީލްޑް ކުލަބެއް ކަމަށްވާ އޭއައިއެސް އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގައި ނާއިކް ވަނީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ދައްކާލާފައެވެ.
ނާއިކް ވަނީ މި މުބާރާތުގައި 1.92 މީޓަރަށް ފުންމައިގެން ހައި ޖަމްޕްގެ ގައުމީ ރެކޯޑު މުގުރާލާފައެވެ. މީގެ ކުރިން ވެސް މި ރެކޯޑު އޮންނަނީ ނާއިކްގެ އަތުގައެވެ. އޭރު އޭނާ ރެކޯޑު ހަދާފައިވަނީ 1.88 މީޓަރަށް ފުންމައިގެންނެވެ. އެހެންކަމުން މިއީ އޭނާގެ ކުރީގެ ރެކޯޑަށްވުރެ ބޮޑު ކުރިއެރުމެކެވެ.
މި ކާމިޔާބީއާ ހަމައަށް ނާއިކް ވާސިލުވެފައިވަނީ ދުބާއީގައި ކުރިއަށް ގެންދިޔަ ހާއްސަ ތަމްރީނުތަކަކަށް ފަހުގައެވެ. އޭނާ ވަނީ ކޯޗު ކޭޓް އަންސޮންގެ ބެލުމުގެ ދަށުން ޔޫއޭއީގައި އެއް މަސް ދުވަހުގެ ހައި ޖަމްޕް ޓްރޭނިން ޕްރޮގްރާމެއް ފުރިހަމަކޮށްފައެވެ. މި ތަމްރީނުތަކުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ޕާސަނަލް ބެސްޓް ވެސް ވަނީ މި މުބާރާތުގައި އާކޮށްފައެވެ.
