މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން އިންތިޒާމުކޮށްގެން ބާއްވާ "އޯޕަން ޑޭ 2026" ފަށައިފިއެވެ. އިއްޔެ ފެށި މި ހަރަކާތް މިއަދު ވެސް ކުރިއަށްދާއިރު، މިއަދުގެ ހަރަކާތްތައް އޮންނާނީ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި އިވެންޓުގެ އެންމެ ބޮޑު މަގުސަދަކީ، އެ މިނިސްޓްރީގެ ދަށުން ހިންގާ ތަފާތު އިދާރާތަކާއި ޑިޕާޓްމަންޓްތަކުން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާއި ޚިދުމަތްތަކުގެ މައުލޫމާތު އެއް ތަނަކުން ފޯރުކޮށްދިނުމެވެ. މިގޮތުން ނެޝަނަލް ލައިބްރަރީ، ގައުމީ އަރުޝީފް، އެންސީބީ އަދި ޔޫތު ޑިޕާޓްމަންޓްގެ ސްޓޯލްތަކުން އެތަންތަނުގައި ހުރި ހުސް ވަޒީފާތަކުގެ މައުލޫމާތު ލިބިގެންދާނެއެވެ.

ވަޒީފާގެ އިތުރުން މުނިފޫހިފިލުވުމާއި ފަންނުވެރިކަމަށް ވެސް މި އޯޕަން ޑޭގައި ވަނީ ބޮޑު އިސްކަމެއް ދީފައެވެ. ނެޝަނަލް ސެންޓަރ ފޯ ދަ އާޓްސް (އެންސީއޭ) ގެ ސްޓޯލުން ލައިވް ކަރޯކޭ ކިޔުމާއި، ކުރެހުމުގެ ހަރަކާތްތައް އަދި މިއުޒިކީ އާލާތްތައް ކުޅުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އަދި ފަންނާނުންގެ ދަފްތަރު ނުވަތަ "އާޓިސްޓިކް ޑައިރެކްޓަރީ" ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް މިތަނުން ލިބޭނެއެވެ.

ދުުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުމުގެ ގޮތުން "ޔޫތު ހެލްތު އެންޑް ވެލްބީއިން" ގެ ސްޓޯލުން ހިލޭ ހެލްތު ސްކްރީނިންގ ހަދައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނެޝަނަލް ލައިބްރަރީގެ ސްޓޯލްގައި ޝައުގުވެރި ގޭމްތައް ރާވާފައިވާއިރު، ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކާއި "ސަޕްރައިޒް" ތައް ލިބޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ހަރަކާތުގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ލައިވް މިއުޒިކް ޕަފޯމަންސްތައް ވެސް ކުރިއަށްދާނެއެވެ.