ފެމިލީ ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޑިސެމްބަރު މަހު އެކަނި ވެސް އެ ކޯޓުން 277 ކައިވެނި ކޮށްދީފައިވާއިރު، ހަމަ އެ މުއްދަތުގައި 137 ވަރި ވަނީ ކޮށްދީފިއެވެ.
މި އަދަދުތަކަކީ އޭގެ ކުރީ މަސް ކަމަށްވާ ނޮވެންބަރު މަހާ އަޅާބަލާއިރު އިތުރުވުމެކެވެ. ނޮވެންބަރު މަހު ކޮށްދީފައިވަނީ 108 ވަރިއެވެ. އެހެންކަމުން ޑިސެމްބަރު މަހު ވަނީ 29 ވަރި އިތުރުވެފައެވެ. ހަމައެއާއެކު، ކައިވެނީގެ އަދަދު ވެސް ވަނީ ނޮވެންބަރު މަހަށްވުރެ 108 ކައިވެނި އިތުރުވެފައެވެ.
ފެމިލީ ކޯޓުން މިދިޔަ މަހު ޖުމްލަ 245 މައްސަލައެއް ބަލައި ނިންމާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ވަރީގެ މައްސަލަތަކެވެ. ނިންމި 176 ވަރީގެ މައްސަލައިގެ ތަފްސީލަކީ:
ވަރިވުމަށް އެދި ހުށަހެޅި: 74 މައްސަލަ
ވަރިކުރުމަށް އެދުނު: 40 މައްސަލަ
ވަރި ސާބިތުކުރުމަށް ހުށަހެޅި: 59 މައްސަލަ
ވަރިއާމެދު ޝައްކު އުފެދިގެން: 3 މައްސަލަ
މީގެ އިތުރުން ނިމުނު މައްސަލަތަކުގެ ތެރޭގައި ޚަރަދުގެ 20 މައްސަލައާއި، ގެވެށި އަނިޔާގެ 16 މައްސަލަ އަދި ކުޑަކުދިންނާ ގުޅޭ 14 މައްސަލަ ހިމެނެއެވެ.
މަސް ނިމުނުއިރު ކޯޓުގައި ނުނިމި ހުރި މައްސަލަތަކަށް ބަލާއިރު ވެސް އެންމެ ގިނައީ ވަރީގެ މައްސަލަތަކެވެ. އެގޮތުން ވަރީގެ 173 މައްސަލަ ނުނިމި އެބަހުއްޓެވެ. މީގެ އިތުރުން ކުޑަކުދިންނާ ގުޅޭ 59 މައްސަލައާއި ޚަރަދުގެ 35 މައްސަލަ ވެސް ނުނިމި ހުރި ކަމަށް ފެމިލީ ކޯޓުން ހާމަކުރެއެވެ.
