ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަލުން ގޯތި ދޫކުރުމަށްޓަކައި، ގުރުނެގުމުގެ މަސައްކަތް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ފަށައިފިއެވެ.
ހައުސިންގ މިނިސްޓްރީން ހާމަކުރާ ގޮތުގައި މި ގުރުނެގުން އަލުން ބާއްވަން ޖެހުނީ، ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، ކުރިން ކަނޑައަޅާފައިވާ ބިމުގެ ސަރަހައްދުތަކަށް ބަދަލު އައިސްފައިވާތީއެވެ. މިއަދު ހެނދުނު 9:30 ގައި ފެށި މި މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.
ގިރާވަރުފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ތަފްސީލު:
1250 އަކަފޫޓުގެ 2605 ގޯތި
1650 އަކަފޫޓުގެ 1213 ގޯތި
2050 އަކަފޫޓުގެ 253 ގޯތި
2450 އަކަފޫޓުގެ 1 ގޯތި
ގުރުނެގުމުގެ ކަންތައްތައް އިންތިޒާމު ކުރެވިފައިވާ ގޮތަށް ބަލާއިރު، ގުރުއަތުލާ ހޯލަށް ވަދެވޭނީ ކޮންމެ ޕްލޮޓަކުން ވެސް އެއް ފަރާތަށެވެ. ގޯތީގެ ވެރިފަރާތަށް ހާޒިރުވެވެން ނެތް ނަމަ، ބަދަލުގައި އެހެން މީހަކު ފޮނުވޭނެއެވެ. މިގޮތަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއި، ބަދަލުގައި އަންނަ މީހާގެ އައިޑީ ކާޑުގެ ކޮޕީގެ އިތުރުން އެކަން އަންގައިދޭ ލިޔުމެއް ބޭނުންވާނެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ކުރިއަށްދަނީ pic.twitter.com/fifXRyDhaW
— Ministry of Construction, Housing & Infrastructure (@MoCImv) January 31, 2026
މިނިސްޓްރީން ބުނީ ގުރުނެގުން ކުރިއަށްދާ ވަގުތު، ލިބޭ ޕްލޮޓްގެ މައުލޫމާތު ވަގުތުން "ހިޔާވެހި ޕޯޓަލް" އިން ފެންނަން ހުންނާނެ ކަމަށާއި، އެސްއެމްއެސް މެދުވެރިކޮށް ވެސް ޕްލޮޓް ނަންބަރު އަންގަމުން ދާނެ ކަމަށެވެ. ގުރުއަތުލުން ނިމުމުން ރަޖިސްޓްރީއާއި އެއްބަސްވުމާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށާއި، ގޯތި ހަވާލުކުރެވޭނީ ބިން ހިއްކައި ނިމުމުން ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މެދުކެނޑުމަކަށްފަހު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ސީއެމްސީސީ ކުންފުނިން އިއްޔެ ވަނީ އަލުން ފަށާފައެވެ. އެ ފަޅުން 160 ހެކްޓަރު ހިއްކަން ހަމަޖެހިފައިވާއިރު، މިހާތަނަށް ހިއްކިފައިވަނީ 54 ހެކްޓަރުގެ ބިމެވެ.
