މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއަށް ކުރެވިފައިވާ ތަޖުރިބާތައް ދުނިޔެއާ ހިއްސާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ހަމްބޯލްޓް ޔުނިވާސިޓީގައި ތަޤުރީރު ކުރައްވަން ހަމަޖެހިއްޖެއެވެ.

މި ތަޤުރީރު ދެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. ރައީސް ވާހަކަފުޅު ދައްކަވާނީ "ކްލައިމެޓް ޗޭންޖް ވިތައުޓް ބޯޑާސް؛ ދިވެހިރާއްޖޭގެ ތަޖުރިބާ" މި މައުލޫއަށެވެ.

ހަމްބޯލްޓް ޔުނިވާސިޓީން މައުލޫމާތު ދީފައިވާ ގޮތުގައި، ރައީސްގެ މި ތަޤުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ މޫސުމީ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ގެންގުޅޭ މުހިންމު ސިޔާސަތުތަކާއި އުސޫލުތަކުގެ މައްޗަށެވެ. އަދި މި ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި، ބައިނަލްއަޤްވާމީ މުޖުތަމައުއަށް ލިބިދެވޭނެ މުހިންމު ފިލާވަޅުތައް ވެސް އެމަނިކުފާނު ހިއްސާކުރައްވާނެއެވެ.

މި ބައްދަލުވުމުގައި ރައީސްގެ އިތުރުން އެ ޔުނިވާސިޓީގެ ދެ ޕްރޮފެސަރުން ކަމަށްވާ ޕްރޮފެސަރު މާސެލް ރޮބިޝަން އަދި ޑރ. އެކްސެލް ކްލީ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބޭފުޅުންގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގައި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ގެންގުޅޭ ސިޔާސަތުތަކާއި، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަދެކެވޭނެއެވެ. އަދި މިކަމާ ގުޅިގެން އިލްމީ ދާއިރާއިން ކުރެވޭ އުއްމީދުތަކާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކުރެވޭނެ ކަމަށް ޔުނިވާސިޓީން ބުނެއެވެ.

މި ދަތުރުފުޅަށް ރައީސް ޖަރުމަނަށް ފުރާވަޑައިގަންނަވާނެ ސީދާ ތާރީޚެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.