އަނބަކީ އޭގައި ހަށިގަނޑަށް ބޭނުންވާ މުހިންމު ގިނަ ވިޓަމިންތަކާއި ނިއުޓްރިއަންޓްސް އެކުލެވޭ މޭވާއެއް ކަމަށާއި، މިއީ މުޅި ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކޮށްދޭ މޭވާއެއްކަން ދިރާސާތަކުން ދައްކައިފިއެވެ.

އަނބުގައި އެންމެ ގިނައިން އެކުލެވިގެންވަނީ ވިޓަމިން ސީ އެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ހަށިގަނޑުގައި އުފެދޭ ފާރުތައް އަވަހަށް ފަސޭހަވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން ކާނާގައި ހުންނަ ދަގަނޑުގެ ބައި ހަށިގަނޑަށް ދަމައިގަތުމަށް ވެސް ވިޓަމިން ސީ އެހީތެރިވެދެއެވެ. އެންމެ އަނބަކުން ވެސް ދުވާލަކަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިން ސީގެ ބޮޑު ބައެއް ފޯރުކޮށްދެއެވެ.

ލޮލުގެ ފެނުން ސާފުކޮށްދީ، ހަންގަނޑު ރީތިކުރުމަށް ބޭނުންވާ ވިޓަމިން އޭ ވެސް އަނބުގައި ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. އަނބުގައި ހުންނަ ބީޓާ-ކެރޮޓީންގެ ސަބަބުން ރޭގަނޑު މީހުންނަށް ފެނުމުން މަހްރޫމްވާ "ނައިޓް ބްލައިންޑްނަސް" އިން ރައްކާތެރިކޮށްދެއެވެ.

ބަނޑުހިކުމުން ދުރުކޮށްދީ، ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އަނބުގައި އެކުލެވޭ ފައިބަރުގެ ބައި އެހީތެރިވެދެއެވެ. އަދި މިންގަނޑެއްގައި އަނބު ކެއުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ.

އަނބުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތައް ކަމަށްވާ މެންގިފެރިން އަދި ޕޮލީފީނޯލްސްއަކީ ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދީ، ދާއިމީ ބަލިތަކުން ދުރުކޮށްދޭ މާއްދާތަކެކެވެ. މީގެ އިތުރުން އަނބުގައި ހިމެނޭ ޕޮޓޭސިއަމް އަދި މެގްނީޒިއަމްގެ ސަބަބުން ހިތުގެ ހިނގުމާއި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް މަގުފަހިވެއެވެ.

 

ރިފަރެންސް: ޔޫ.އެސް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ (USDA) – ފުޑްޑޭޓާ ސެންޓްރަލް