މޭކަޕް ކުރުމަކީ އާންމުކޮށް ރީތިވުމަށް ކުރާ ކަމެއް ނަމަވެސް، މޭކަޕް ބޭނުންކުރުމުގައި ފަރުވާކުޑަވެއްޖެ ނަމަ އޭގެ ސަބަބުން ހަންގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ އެވެ. މޭކަޕްގެ ސަބަބުން ހަމުގެ މައްސަލަތައް ދިމާވަނީ ހަމައެކަނި އޭގައި ހިމެނޭ މާއްދާތަކުގެ ސަބަބަކުން ނޫނެވެ. މޭކަޕް ބޭނުންކުރާ ގޮތާއި، އެ ސާފުކުރުމުގައި ބަހައްޓާ ފަރުވާކުޑަކަމަކީ ވެސް މީގެ މައިގަނޑު ސަބަބުތަކެވެ.

މޭކަޕް އުފެއްދުމުގައި ބޭނުންކުރާ ބައެއް މާއްދާތަކަކީ ހަމުގެ ލޯވަޅުތައް ބައްދާލާ މާއްދާތަކެކެވެ. މީގެ ސަބަބުން މޫނުގައި އޮށާޅަ ނެގުމާއި، ބްލެކްހެޑްސް އަދި ވައިޓްހެޑްސް އުފެދުމަށް މަގުފަހިވެ އެވެ. ހާއްސަކޮށް ތެޔޮ ހަންގަނޑެއް ނުވަތަ ނާޒުކު ހަންގަނޑެއް ހުންނަ މީހުންނަށް މި މައްސަލަ މާ ބޮޑަށް ކުރިމަތިވެ އެވެ.

ކޮންމެ ދުވަހަކު މޭކަޕް ކުރާ ނަމަ، ހަންގަނޑު ރަނގަޅަށް ސާފުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މޭކަޕް ނުފިލުވާ ނިދުމަކީ ހަމުގެ ދިފާއީ ފަށަލަ ނިކަމެތިކޮށްލާ ކަމެކެވެ. މޭކަޕްގެ ބައިތައް މޫނުގައި ހުންނަ އިރު، އޭގައި ހިރަފުހާއި، ތެލާއި، ތިމާވެށީގެ ތަޣައްޔަރުކަން ހިފަހައްޓައި، ހަންގަނޑު ހަލާކުކޮށްލަ އެވެ. މީގެ އިތުރުން، ބައެއް މޭކަޕްތަކުގައި ހުންނަ މީރުވަސް ދުވާ މާއްދާތަކާއި، ބައެއް ކަހަލަ އަލްކަހޯލްގެ ސަބަބުން ހަންގަނޑު ރަތްވެ، އެލާޖިކް މައްސަލަތައް ދިމާވެ އެވެ.

މާ ގިނައިން ފައުންޑޭޝަން ފަދަ ތަކެތި ބޭނުންކުރުމަކީ ހަންގަނޑު ހިކި، މޫނުގައި ހުންނަ ކުދި ރޫތައް ބޮޑަށް ފާހަގަވާން މެދުވެރިވާ ކަމެކެވެ. ހަމައެއާއެކު، މޭކަޕް ކުރަން ބޭނުންކުރާ ބްރަޝް އާއި ސްޕޮންޖު ފަދަ ތަކެތި ގަވާއިދުން ސާފުނުކުރާ ނަމަ، އޭގައި ޖަމާވާ ބެކްޓީރިއާތައް ހަންގަނޑަށް ފެތުރި، އިންފެކްޝަން އުފެދުމަށް މަގުފަހިވެ އެވެ.

ދިގު މުއްދަތަކަށް ބަލާއިރު، ހަންގަނޑަށް ފަރުވާނުދީ ހަމައެކަނި މޭކަޕަށް ބަރޯސާވުމަކީ ހަންގަނޑުގެ ކުލަ ފަނޑުވެ، ހަންގަނޑު މުސްކުޅިވުން އަވަސްކޮށްދޭ ކަމެކެވެ. އެހެންކަމުން، ރީތިވުމަށް މޭކަޕް ކުރި ނަމަވެސް، ހަންގަނޑުގެ ސިއްހަތަށް އިސްކަންދީ، އަވިން ރައްކާތެރިވުމަށް ސަންސްކްރީން ބޭނުންކުރުމާއި ހަންގަނޑު ރަނގަޅަށް ސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

 

 

 

ރިފަރެންސް:އެމެރިކަން އެކަޑަމީ އޮފް ޑަރމަޓޮލޮޖީ