ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ބީއެމްއެލްގެ މޮބައިލް ބޭންކިންގ އެޕް އަށް ބޮޑެތި ބަދަލު ގެނެސް އިތުރު ފީޗަރސް ތަކާއެކު ތައާރަފްކޮށްފިއެވެ.

މި އެޕްގައި އަލަށް ތައާރަފް ކުރެވުނު ފީޗާރސް ތަކުގެ ތެރޭގައި، ކުއިކް ޕޭ، ކޮންޓެކްޓެއްގެ ގޮތުގައި ނުހިމަނައި ފައިސާ ޓްރާންސްފަރ ކުރެވޭ ފަސޭހަ ގޮތްތަކާއި، ފައިސާ ޓްރާންސްފަރކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން އެކައުންޓްގެ ވެރިފަރާތް ޔަގީންކުރެވޭ ގޮތުގެ އިތުރުން ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ލިބޭނެ ގޮތް ހިމެނެއެވެ. 

އަދި ޕަރސަނަލް، ޖޮއިންޓް ނުވަތަ ބިޒްނަސް އެކައުންޓްވެސް އެޕް މެދުވެރިކޮށް ބޭނުންކުރެވޭއިރު، ބޭންކިންގ ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖްކުރުމުގެ އިތުރުން މައުލޫމާތު އަޕްޓޭޑް ކުރުމާއި ބޭންކަށް މެސެޖް ފޮނުވުމާއި ބޭންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. 

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭންކުގެ ޑިޖިޓަލް މަގުޗާޓުގައި ހިމެނޭ އަައު އެޕް ތައާރަފް ކުރެވުގެންދިޔުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ބީއެމްއެލްގެ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

"އަލަށް ތައާރަފް ކުރި މި އެޕްގައި ކުރިން ހަމައެކަނި އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް މެދުވެރިކޮށް ލިބެމުންދާ ހިދުމަތްތައް ހިމެނިގެންދާނެ. އަދި ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާރސްތައް ތައާރަފް ކުރެވިގެންދާނެ." ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ. 

2015 ވަނަ އަހަރު މުޅިން އަލަށް ރާއްޖެއަށް މޯބައިލް ބޭންކިންގ ހިދުމަތް ބޭންކް އޮފް މޯލްޑިިވްސް އިން ތައާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އޮންލައިން ބޭންކިންގ އަށް ރަޖިސްޓްރީ ކޮށްފައިވާއިރު މިދިޔަ އަހަރު 73 މިލިއަން އަށް ވުރެ ގިނަ މުއާމަލާތް ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ހިންގާފައިވެއެވެ.

އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ އިން ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް ޑައުންލޯޑްކުރެވޭނެއެވެ.